މިދިޔަ ސަރުކާރުގައި ކުރަން އުޅުމުން އޭރު ޕީޕީއެމް/ޕީއެންސީން ވަރަށް ބޮޑަށް ދެކޮޅު ހެދި ކަމެއް ކަމަށްވާ އައްޑޫ ސިޓީގައި ގާއިމުކުރާ އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން ފުރަތަމަ އުޅުނީ މިދިޔަ ސަރުކާރުގައެވެ. އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަރަށް ބޮޑަށް އެ ކަމަށް ފާޑުކިޔައި، ނުރުހުން ފާޅުކުރިއެވެ.
ރައީސް މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ދެ ބޭފުޅުން ބައްދަލުކުރެއްވުމުގެ ތެރެއިން އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށާއި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒާއި މޯދީ ބައްދަލުކުރެއްވުމަށް ފަހުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕޭންގެ ތެރެއިން ވަނީ އެ ކޮންސިއުލޭޓް ހެދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ސިފަކޮށްފައެވެ.
'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮއްވައި، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މީސްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެކަމަކު، ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
މޯދީ ތިންވަނަ ދައުރަކަށް ހުވައިކުރެއްވިއިރު ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ.
މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ވެސް ގާއިމުކޮށްފައެވެ. އަދި، އިންޑިއާގެ ރުޕޭ ކާޑު ވެސް ރާއްޖޭގައި ބޭނުންކުރަން ވަނީ ފަށައިފައެވެ.