ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމްގައި ޖެހެން ނުޖެހޭނެ ކަމަށާއި އަވައްޓެރި އިންޑިއާއިން ރާއްޖެއަށް އެހީވާނެކަން ޔަގީންވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިއަދު ވަނީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ފައްޓަވައިފައެވެ. މިއީ، އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރީގައި 'ބީބީސީ'އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެ ގައުމަކީ ތަރައްގީގައި ރާއްޖޭގެ އެންމެ ބޮޑު ބައިވެރިޔާކަން ފާހަގަކުރައްވައި ރައީސް ވަނީ އިންޑިއާއިން ރާއްޖެއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަންނަން އެހީވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
"ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވެދީ، ހައްލު ހޯދައިދޭން އަބަދު ވެސް އިންޑިއާއިން އޮންނާނީ ތައްޔާރަށް،" ރައީސް މުއިއްޒާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އެ މަނިކުފާނު ވިދާޅުވީ، އައިއެމްއެފްގެ ބެއިލްއައުޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭ ހާލަތެއް ރާއްޖެއަށް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއިން އަމިއްލަ އެޖެންޑާއަކާއި އިގުތިސާދީ ހާލަތަށް އަމިއްލަ ފަރުވާއެއް ގެންގުޅޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެ ބަނގުރޫޓުވުމުގެ ބިރު ނެތް ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ރައީސް މުއިއްޒު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ފައްޓަވާފައިވާއިރު، އިންޑިއާގެ ބައެއް އޮފިޝަލުން މީގެ ކުރިން ވަނީ މާލީ ހާލަތުން އަރައިގަންނަން ރާއްޖެއަށް އެހީވާން އިންޑިއާއިން ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ރައީސްގެ އިތުރުން ބޮޑުވަޒީރު މޯދީއާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 440 މިލިއަން ޑޮލަރަށް ވަނީ ދަށްވެ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ފާހަގަކޮށް ދުނިޔޭގެ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް ދަށްކޮށްފައެވެ. މޫޑީސްއިން ވަނީ 'ސީއޭއޭ-2'އަށް ރޭޓިން ދަށްކޮށްފައެވެ.
އެކަމަކު، ސަރުކާރާއި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް ވަނީ ދަރަނި ނުދެއްކޭނެ ހާލަތަށް ނުދާނެ ކަމަށް ބުނެ، ބަނގުރޫޓުނުވާނެކަމުގެ ޔަގީންކަން ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އަދި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުން އިންޑިއާގައި ރާއްޖެ ބޮއިކޮޓުކުރުމުގެ ކެމްޕޭނެއް ވެސް ފެށިއެވެ.
އޭގެ ފަހުން ދެ ގައުމުގެ ގުޅުން މިހާރު ރަނގަޅުވެފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ.