އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަށް ރައީސް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު އިންޑިއާއަށް ފުރާވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ސަރުކާރުގެ އިސް ވަފުދަކާއެކު މިއަދު ފުރާވަޑައިގެންފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ، އަދި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އާއްމުގޮތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރީގެ ރައީސުން އެންމެ ފުރަތަމަ ވެސް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައި ވަނީ އަވައްޓެރި އިންޑިއާއަށެވެ. އެއާ ޚިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.

އޭގެ ފަހުން ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެކި ފަހަރުމަތިން އިންޑިއާއަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެންފައެވެ. އަދި މިފަހުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.

މޯދީއަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ސަސްޕެންޑުކުރިތާ ނުވަ މަސް ފަހުން، އެ މަގާމުން މަރިޔަމް ޝިއުނާއާއި މަލްޝާ ޝަރީފް ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.

އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން، އިންޑިއާއިން ވަނީ ދެ ލޯނެއް ވެސް ފަސްކޮށްދީފައެވެ.

comment ކޮމެންޓް