ފަތުރުވެރިންގެ އަދަދާ އެކު ހޭދަކުރާ މުއްދަތު ވެސް އިތުރުކުރަންޖެހޭ: ފައިސަލް

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް އިބްރާހިމް: އޭނާ ވިދާޅުވީ ހަމައެކަނި އަންނަ ފަތުރުވެރިން އަދަދު އިތުރުވެގެން ވާން ނެތް ކަމަށް -- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

އަމާޒަކަށް ހަދަންވީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުން އެކަނި ނޫން ކަމަށާއި ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރަން ވެސް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވި ނަމަވެސް އާމްދަނީ ދަށްވާކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ނެރޭ މަޖައްލާ، ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމް، 'ޖީއެމް ފޯރަމް 2024' ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މި އަހަރަށް ކަނޑައެޅި ދެ މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އެކަމަކު، ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އެކަނި އިތުރުކޮށްގެން ވާން ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އަމާޒަކަށް ހަދަންވީ އޮކިއުޕަންސީ ރޭޓާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތާއި ފައިސާ ވެސް އިތުރުކުރުން ކަމަށެވެ.

https://sun.mv/196601

އެއީ، ކުރިއަށް އޮތް 2027 ވަނަ އަހަރު އަންނައިރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް ގެންދަން ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލުކުރަން މުހިންމު ކަންތައްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ސިނާއަތުގެ ކިބައިން އެދެނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ވެސް ހަމައެކަނި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުކުރުކުރުމުގެ އިތުރަށް އޮކިއުޕަންސީ ރޭޓާއި ރާއްޖޭގައި ފަތުރުވެރިން ތިބޭ ދުވަހުގެ އަދަދު އިތުކުރަން މަސައްކަތްކޮށްދެއްވާށޭ،" ފައިސަަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިން ރާއްޖޭގައި ކުރާ ހޭދަ އިތުރުކުރަން ސިނާއަތުގެ ތެރެއިން ދިވެހި ވިޔަފާރިތަކަށާއި ހުނަރުވެރިންނަށް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް: އޭނާ ވަނީ ފަތުރުވެރިންގެ އަދަދާ އެކު ހޭދަކުރާ މުއްދަތު ވެސް އިތުރުކުރަން މަސައްކަތްކުރަން ގޮވާލާފައި -- ފޮޓޯ/ މަޖިލީސް

އެހެންވެ، މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދަން ވެސް ވަޒީރު ގޮވައިލެއްވިއެވެ. އެގޮތުން، ރިސޯޓުތަކުގެ މާކެޓިން ވަރުގަދަކޮށް، އީޖާދީ ކަންތައްތައް ކުރަން އޭނާ ގޮވައިލެއްވިއެވެ.

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ އިތުރުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމެވެ. މިދިޔަ މަހު ޒިޔާރަތްކުރި 1.3 މިލިއަން ފަތުރުވެރިންނާ އެކު ވެސް މިއީ މިދިޔަ އަހަރާ ބަލާއިރު 127،000 އަށްވުރެ ގިނަ އަދަދެކެވެ.

އެކަމަކު، ފަތުރުވެރިން ގިނަވި ނަމަވެސް އާމްދަނީ ދަށްވުމުގެ ބުރަ ސިނާއަތުގެ އެތައް ބަޔަކު އުފުލަންޖެހިފައިވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

comment ކޮމެންޓް