ސަރުކާރުން މެޑައްޔަކަށް ފަހު މެޑައްޔެއް ޖަހަމުން އެ އަންނަނީ ޓޫރިސްޓުންގެ ނަންބަރު އިތުރުވަމުން އަންނާތީއެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށްވުރެ އިތުރުވެފައިވާތީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތަށް އެބަ ފާހަގަކުރެއެވެ. އަދަދުތައް މި ދައްކަނީ މި އަހަރަށް ކަނޑައެޅި އަމާޒަށް ވުރެ ވެސް އިތުރު ވާނެ ކަމަށެވެ. ނަމަވެސް، ސުވާލަކީ އަދަދު އިތުރުވާއިރު އާމްދަނީއަށް ވަނީ ކިހިނެއްތޯއެވެ؟
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 29ގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،347،973 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. އެއީ، މިދިޔަ އަހަރުގެ އެހާތަނާ އަޅައި ބަލާއިރު 127،487 ފަތުރުވެރިންގެ ކުރިއެރުމެކެވެ. މި އަހަރުގެ މިހާތަނަށް އައިއިރު އެއްވަނަ މާކެޓެއްގެ ގޮތުގައި ޗައިނާ އޮތްއިރު ދެވަނައިގައި ރަޝިއާ އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެވަރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ. މި ވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ 64،142 އެނދު ހުރި ކަމަށް އެ މިނިސްޓަރީގެ ހިސާބުތަކުން ދައްކައެވެ.
އަދަދު އިތުރުވުމުން ނަފާ އިތުރުވޭތަ؟
ރާއްޖޭގެ އިގުތިސާދު މި އޮތީ މިފަހުން ދެކޭ އެންމެ ބިރުވެރި ހާލަތުގައެވެ. ބޭރުގެ ފައިސާއަށް އިންތިހާއަށް ބޭނުން ވެފައެވެ. ދިވެހީންގެ ނަސީބަކީ އަދި މުޅި ގައުމު ބަރޯސާވެފައި މި އޮތީ ޓޫރިޒަމަށެވެ. އެހެންކަމުން ގައުމުގެ ހާލަތު ބަދަލުވާނީ ޓޫރިޒަމަށްވާ ގޮތަކަށެވެ.
މި ރިޕޯޓް ލިޔުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެތައް ތަޖުރިބާކާރުންނަކާ ވާހަކަދެއްކުމުން އެނގުނީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވި ނަމަވެސް އާމްދަނީ ދަށްވުމުގެ ބުރަ އިންޑަސްޓްރީގެ އެތައް ބަޔަކު އުފުލަން ޖެހިފައިވާ ކަމެވެ. އެހެން އެކަން ދިމާވާ ގިނަ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.
މަޝްހޫރު ދިވެހި ޓްރެވަލް އެޖެންސީ، ލެޓްސްގޯގެ ފައުންޑާ މެނޭޖިން ޑިރެކްޓާ މުހައްމަދު ރިޔާޒު ވިދާޅުވިގޮތުގައި ޓޫރިސްޓުންގެ ފަރާތުން ލިބޭ އާމްދަނީ ބޮޑަށް ބަރޯސާ ވަނީ އެ ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތުގެ މައްޗަށެވެ. ރަޝިއާ ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުން ހަތް ރޭ ނުވަތަ 10 ރޭ ރާއްޖޭގައި މަޑުކުރާއިރު އޭޝިއާ ސަރަހައްދުން އަންނަ ޓޫރިސްޓުން އާއްމު ގޮތެއްގައި މަޑު ކުރަނީ ތިން ރޭ ނުވަތަ ހަތަރު ރޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެ ގައުމުގެ ޓޫރިސްޓުންގެ ޓްރެންޑަށް ބަލާއިރު އެންމެ ގިނަވެގެން ވެސް މަޑުކުރަނީ ހަތަރު ވަރަކަށް ރެއެވެ. އެއީ، އެ ގައުމުގައި ޗުއްޓީ ލިބުމުގެ އުސޫލު ވެސް އޮންނަ ގޮތުންނެވެ.
އަދުގެ ސަރުކާރާއި އިންޑިއާ ސަރުކާރާ އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އިންޑިއާ ޓޫރިސްޓުން ރާއްޖެ އައުން ވަރަށް ބޮޑަށް މަދުވެފައިވުމަކީ ވެސް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދަށަށް ދިޔަ ސަބަބެކެވެ. އެއީ، އިންޑިއާގެ ޓޫރިސްޓުން ރާއްޖެއަށް ގިނައިން އަންނަނީ ޔޫރަޕްގެ ޓޫރިސްޓުން މަދުން އަންނަ ދުވަސްތައް ނުވަތަ ލޯސީޒަންގައި ކަމަށްވާތީއެވެ.
"އެނދެއް ހުސްކޮށް ހުރެއްޖެނަމަ އެއީ އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުމެއް. އެނދު ފުލްވި ވަރަކަށް ފައިދާ މި ބޮޑު ވަނީ. އިންޑިއާއަކީ ލޯ ސީޒަންގެ މާކެޓެއް. އިންޑިއާ ވަރަށް މުހިންމު ވަނީ އެހެންވެ،" މާލެ އަތޮޅުގައި ހިންގާ މަޝްހޫރު ރިސޯޓެއްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރަކު ވިދާޅުވިއެވެ.
"ބައެއް ރިސޯޓްތައް ލޯ ސީޒަންގައި ހިފަހައްޓަމުން ދިޔައީ އިންޑިއާ މާކެޓުން. މިހާރު އެ މާކެޓް ދަށް ވީމާ މި ޖެހެނީ ހުރިހާ ރިސޯޓެއް ސަވައިވްވާން ޗައިނާ މާކެޓަށް ދުއްވައިގަންނަން. އޭގެ ސަބަބުން އަގުހެޔޮ ކުރަން ޖެހުން ފަދަ ކަންކަން ކުރަން އެބަ ޖެހޭ،"
އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެއީ، އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްގެންނެވެ. ނަމަވެސް، އެ މަންޒަރު މިހާރު ބަދަލުވެއްޖެއެވެ. އެއާއެކު ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން އޭރު ވެސް ދިޔައީ ބުނަމުންނެވެ.
ރިޔާޒު ވެސް އެކަމާ އެއްބަހެވެ. އޭނާ ވިދާޅުވާގޮތުގައި އިންޑިއާއަކީ ލޯ ސީޒަންގެ މާކެޓުކަމުން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެއަށް ވަރަށް މުހިންމެވެ. މިހާރަށް ވުރެ ވެސް ޗައިނާގެ މާކެޓް ވެސް ރަނގަޅު ވާންޖެހޭ ކަމަށާއި އިންޑިއާއާއި ޗައިނާގެ މާކެޓް ރަނގަޅު ވެއްޖެ ނަމަ ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަށް ރިޔާޒު ގަބޫލުކުރައްވައެވެ.
ޓޫރިސްޓުންގެ ނަންބަރު އިތުރުވި ނަމަވެސް އާމްދަނީ މާ ބޮޑަށް ދަށަށްދާ އަނެއް ސަބަބަކީ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ހެޔޮ އަގުގައި ލިބޭ ގެސްޓް ހައުސްތަކަށް ދިއުމެވެ. ރާއްޖެއަކީ ބޭރުގެ ބުރޭންޑްތަކާއި ދިވެހި އަމިއްލަ ބްރޭންޑްތައް ހިމެނޭހެން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތައް ހުރި ގައުމަކަށްވާއިރު ޓޫރިޒަމްގެ ހަގީގީ ނަފާ ރާއްޖެއަށް ލިބޭނީ ގިނަ ޓޫރިސްޓުން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރި ވަރަކަށެވެ. އެއީ، ރިސޯޓްތަކުގެ ބެޑް އަގު ބޮޑުވުމުން ޓެކްސްއާއި އެހެނިހެން އާމްދަނީ ދައުލަތަށް ލިބޭ މިންވަރު ވެސް އިތުރު ވާނެތީއެވެ.
"ބޯ އިތުރު ވިޔަސް ގެސްޓް ހައުސްތަކަށް ގިނަ ޓޫރިސްޓުން ދާނަމަ ފައިދާ ދަށް ވާނެ ގައުމަށް ވެސް. މިސާލަކަށް ކުރިން ރާއްޖެއަށް 4،500 ޓޫރިސްޓުން ދުވާލެއްގެ މައްޗަށް އަންނައިރު ރިސޯޓްތަކަށް އެބަދޭ އޭގެ 80 ޕަސެންޓް. މިހާރު މިސާލަކަށް ދުވާލެއްގެ މައްޗަށް 5،500 ޓޫރިސްޓުން އަންނައިރު އޭގެ ތެރެއިން ބޮޑު ބައެއް ގެސްޓް ހައުސްތަކަށް ދަންޏާ އެ ޓޫރިސްޓުންގެ ސްޕެންޑިން ދަށްވާނެ. އެއީ، އާމްދަނީ ދަށްވާ ސަބަބު،" ކުރިން ވާހަކަ ދެއްކި ސޭލްސް އެންޑް މާކެޓިން މެނޭޖަރު ވިދާޅުވިއެވެ.
"ގެސްޓް ހައުސްއެއްގައި ހަތަރު ނައިޓަށް ކުރާ ހޭދަ އާ ރިސޯޓެއްގެ އެއް ނައިޓަށް ކުރާ ހޭދައާ ނުބައްދަލު ވާނެ. 20 ޑޮލަރުން 16 ޕަސެންޓް ޓެކްސް ނެގުމާއި 400 ޑޮލަރުން 16 ޕަސެންޓް ޓެކްސް ނެގީމާ ލިބޭ އާމްދަނީއާ ވަރަށް ތަފާތު ވާނެ. އެހެންވެ، ގިނައިން ގެސްޓް ހައުސްތަކަށް ދަންޏާ ދައުލަތަށް ލިބޭ އާމްދަނީ ދާނީ ދަށަށް،" އިންޑަސްޓްރީގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މެނޭޖަރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމާއި މަޓާޓޯގެ ރައީސްކަން ކުރައްވާ އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވިގޮތުގައި ކުރިއަށް ވުރެ ރާއްޖޭގެ ބެޑް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރެވުނުއިރު އެވަރުގެ ޑިމާންޑެއް ކްރިއޭޓް ކުރެވިފައި ނެތް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ރިސޯޓްތަކުން އެނދު ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮ ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެވެރެޖް ޑެއިލީ ރޭޓް ޑިސްކައުންޓް ކުރެވިއްޖެ މިހާރު. ބާލީއާއި އެހެން ތަންތަނަށް ބަލައި ވަރަށް ބޮޑަށް އަގު ހެޔޮ ކުރެވިފައި މިވަނީ. ރާއްޖޭގެ ހުރިހާ ރޫމެއް ފިލް ކުރެވިދާނެ 20 ޑޮލަރަށް ވިއްކައިގެން. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫން. އެ ގޯސް މި ހެދެނީ،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އަގު ހިފަހައްޓަން ޖެހެއެވެ. މިހާރު ހަދާގޮތަށް ޓޫރިސްޓުން އައުން މަޑު ޖެހިލާއިރަށް އަގު ވައްޓާލާ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެކަން ކުރެވޭނީ ޑިސްކައުންޓިން ކަލްޗާ ކުޑަކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އަނެއް މުހިންމު ކަމަކީ ދިވެހީންނަކީ އެންމެންނާ ވެސް ގުޅޭ އަދި ހުރިހާ ގައުމަކަށް ވެސް މަރުހަބާ ކިޔާ ބަޔަކަށް ވާން ޖެހުމެވެ. ބައެއް ގައުމުތަކާ ޖެހިގަތުމުގެ ހިތި އަސަރު ޓޫރިޒަމަށް ކުރެއެވެ. އެއީ، އެ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާ އެކު އެ ގައުމުތަކަށް ވާގިވެރިވާ އެހެން މީހުން ވެސް ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވާތީއެވެ. އެހެންކަމުން ދިވެހީންނާ އެކަށީގެން ނުވާ ކަންކަމުގެ ތެރެއަށް ޖަޒުބާތުގައި ނުވަނުމަށް އިސްކަން ދޭންޖެހެއެވެ.
ހަމައެއާއެކު ޓޫރިޒަމް ދާއިރާގެ ކަންކަން ނިންމައި ގޮތް ކިޔުމަށް އެ ދާއިރާގެ ތަޖުރިބާކާރުން ބޭނުން ކުރަން ޖެހެއެވެ. ރާއްޖޭގެ މައިބަދަ، ސިޔާސީ ބޭނުމަށް ބޭނުންކުރާކަށް ނުވާނެއެވެ.
ޓޫރިސްޓުންގެ އަދަދު އިތުރުވުމަކީ އުފަލެކެވެ. ނަމަވެސް، އެކަން ހަގީގީ އުފަލަކަށް ވާނީ އެއާ އެކު އާމްދަނީ އިތުރުވާނަމައެވެ. އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އާމްދަނީ އިތުރެއް ނުވެއެވެ. އެކަމުގެ ސަބަބުތައް މި އޮތީ ސާފުކޮށް ފެންނާށެވެ. އެހެންކަމުން އެ ކަންކަން ހައްލުކުރަން ރެއާއި ދުވާލު މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ދުނިޔެ ބަލައިގެންފައި މިވަނީ 50 އަހަރު ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުންނެވެ. ހަމަ ވެރިކަމަށް އަންނަ ބަޔަކު ޕޮސިލީއަށް ގެންނަ ބަދަލަކުން މި އިންޑަސްޓްރީ ގުރުބާން ކުރާކަށް ހެޔޮ ނުވާނެއެވެ.