ސަރުކާރުން ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އޮތް އިތުބާރު ގެއްލޭ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ މިދިޔަ މަހު 25ގައި ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވާލުމުން އެއީ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ، ބީީއެމްއެލްގެ ބޯޑުގެ ޑިރެކްޓަރުންނާ ގުޅިގެން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ސަރުކާރުން ތުހުމަތުކޮށްފައި ވަނިކޮށެވެ.
ފުލުހުންވަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ވެސް ފަށައިފައެވެ.
ބީއެމްއެލްގެ ނިންމުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.
އެ ކަމާ ގުޅިގެން ޞާލިޙް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްއަކީ ވަރަށް ގިނަ އާންމުންނާއި ގުޅިފައިވާ ތަނެއް ކަމަށާއި އަބަދު ވެސް އެންމެންގެ ފުރިހަމަ އިތުބާރު އެ ބޭންކަށް އޮންނަން ޖެހޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ވިޔަސް ބީއެމްއެލްގެ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއްކޮށްގެން ނުވާނެ ކަމަށެވެ. އެ ބޭންކްގެ އިތުބާރު ގެއްލުމަކީ މުޅި މުޖުތަމައަށް ލިބޭ ދެރައެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ދޫކުރަމުން އައި ޑޮލަރު ލިމިޓު އުވާލީ، އެ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ ދަށްވުމުން އެހެން ގޮތެއް ނެތިގެން ކަމަށް ބުނެއެވެ.
އެއަށް ފަހުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހު އަށެއްގައި އެ މަގާމުން އިސްތިއުފާދެއްވައިފައެވެ.
އޭގެ ފަހުން ސަރުކާރުން ވަނީ ބީއެމްއެލްގެ ބޯޑުގެ ޗެއާމަންކަމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީކަމުގައި ހުންނެވި އަހުމަދު އަލީ ހަބީބު އައްޔަންކުރަން ފޮނުވައިފައެވެ.
އާއެކު އަންނަ ހޮނިހިރު ދުވަހު ބާއްވާ ބީއެމްއެލްގެ އީޖީއެމްގެ އެޖެންޑާއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ސަރުކާރުން ޖުމުލަ ތިން ނަމެއް ބޯޑަށް ހުށަހަޅާނެއެވެ. އެއީ:
- އަޙްމަދު އަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ
- އަލީ ޢިރުފާނު ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
- މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު ،90-2-02 މާލެ