އެމްޑީޕީން އިއްޔެ އުޅުނީ ބީއެމްއެލް މެދުވެރިކޮށް ބަޣާވާތްކުރަން: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް:އެމްޑީޕީން އިއްޔެ އުޅުނީ ބީއެމްއެލް މެދުވެރިކޮށް ބަޣާވާތްކުރަން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އިދިކޮޅު އެމްޑީޕީން އަޑީގައި ތިބެގެން މާލީ ބަޣާވާތެއް ހިންގަން މަސައްކަތްކުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިރޭ ތުހުމަތު ކުރައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ އެއްގޮތަށް، އެ ބޭންކުން ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައިފައިވާކަން އިއުލާން ކުރީ އިއްޔެއެވެ. އެހެން ނަމަވެސް، އިއްޔެ ހަވީރު ބޭންކުން ވަނީ އެމްއެމްއޭގެ އިރުޝާދުގެ ދަށުން އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.

ޝިޔާމް ވިދާޅުވީ ބީއެމްއެލްއިން ދިވެހި ރައްޔިތުންގެ "ކަރުގައި ހިފަން" ނިންމިއިރު، އެމްޑީޕީން އެ ވާހަކަ ދައްކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިބުމަކީ އިއްތިފާގެއް ނޫންކަމަށެވެ. ޝިޔާމް ވަނީ އެއީ ރޭވި، އިންތިޒާމް ވެގެން އެމްޑީޕީން ހިންގަން އުޅުނު ބަޣާވާތެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"މިއަދު އަޅުގަނޑު މިތާ ހުއްޓި ހުންނައިރު، މި ބޭބޭފުޅުންގެ މިއަދުގެ އަމަލުތަކާ ދޭތެރޭގައި ވިސްނާލީމާ ހަމަ ހިތާމަ ކުރަން، ދެރަވޭ. ލަދުގެ ކަންފުޅެއް ވެސް ނެތީބާއޭ ހިތަށް އަރާއެބަ. ބަޣާވާތް މިއީ މާ ކުރާހިތްވާ ކަމެއް މި މީހުން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން މާލީ ބަޣާވާތެއް ހިންގަން އުޅުނުއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަން އިދިކޮޅަށް ނުވިސްނުނީ ކަމަށެވެ.

ޝިޔާމް ވަނީ ބީއެމްއެލްގެ ސީއީއޯގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެމްޑީޕީން އިސްވެ ހިންގަން އުޅުނު ބަޣާވާތުން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތް ކުރެއްވުމަށް ރައީސް ކުރެއްވި މަސައްކަތް ފެނިވަޑައިގެންނެވި ކަމަށެވެ. އެ ގޮތުން ރައީސަކީ ދިވެހި ރައްޔިތުންނަށް ދެރަވާނެ، އެއްވެސް ކަމެއް ކުރައްވައި، ނުވަތަ އެ ފަދަ އެއްވެސް ކަމަކަށް ޖާގަ ދެއްވާނެ ވެރިއެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް މުޢިއްޒުގެ ފަހަތުގައި މަސައްކަތް ކުރެއްވޭތީ އެ ކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެ ކަމަށް ޓަކައި ރައީސް މުޢިއްޒަށް ޝުކުރު ދެންނެވިއެވެ.

ބޭންކުން އިއްޔެ ނިންމި ނިންމުން އަނބުރާ ގެންނަން ނިންމުމާ އެކު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ބީއެމްއެލްއިން އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.

https://sun.mv/195939

އެކަމުގެ ތަފުސީލު ދެއްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް