ބީއެމްއެލް ބޯޑުގެ ޗެއާމަންކަމަށް ކެބިނެޓް ސެކެޓްރީ އައްޔަންކުރަން ސަރުކާރުން ހުށަހަޅައިފި

ގެ ކެބިނެޓް ސެކްރެޓަރީ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު -- ފޮޓޯ/ ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގެ ޗެއާމަންކަމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަންކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ.

"ސަން"އަަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އޭނާގެ ނަން ހުށަހެޅީ ޗެއާމަންކަމުގެ މަގާމަށް އައްޔަން ކުރުމަށެވެ.

އެއާއެކު އަންނަ ހޮނިހިރު ދުވަހު ބާއްވާ ބީއެމްއެލްގެ އީޖީއެމްގެ އެޖެންޑާއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެ ބަދަލު ގެނައީ މީގެ ކުރިން ބީއެމްއެލްގެ ބޯޑަށް ހަމަޖައްސަން ސަރުކާރުން ހުށަހެޅި ދެ ބޭފުޅުންގެ އިތުރަށް އެހެން ބޭފުޅަކު ވެސް ހަމަޖައްސަން ނަމެއް ފޮނުވައިފައިވުމުންނެެވެ. އެއާއެކު ސަރުކާރުން ޖުމުލަ ތިން ނަމެއް ހުށަހަޅާނެއެވެ. އެއީ:

  1. އަޙްމަދު އަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ
  2. އަލީ ޢިރުފާނު ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
  3. މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު ،90-2-02 މާލެ

ރައީސް އޮފީހުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހަބީބް ވަނީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަން 15 ޖަނަވަރީ 2006 އިން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 16ގެ ނިޔަލަށް އަދާކުރައްވާފައެވެ.

ޙަބީބް ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން އެޕްރީލް 2012 އިން ފެށިގެން ފެބުރުވަރީ 2019ގެ ނިޔަލަށް އަދާކުރައްވާފައެވެ.

އޭނާއަކީ އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) މެންބަރެކެވެ.

މީގެ އިތުރުން އޭނާގެ އަމިއްލަ ތިން ކުންފުންޏެއް އޮވެއެވެ. އެއީ:

  • މެގަޓޮން ޕްރައިވެޓް ލިމިޓެޑް
  • ކޮކޯބޮލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ދި އެކްސްކުއިޒިޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް
comment ކޮމެންޓް