ފޭސް 2 އެކްސިޑެންޓު: 3 މީހުނަށް ދައުވާކުރަން ފޮނުވި މައްސަލަ ޕީޖީން ބަލައިގަނެފި

ހުޅުމާލޭގައި ސައިކަލުގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހުނު ކާރުގައި ތިބި ތިން މީހުން: އެ ތިން މީހުންނަށް ދައުވާ ކުރަން ފޮނުވި މައްސަލަ ޕީޖީން ވަނީ ބަލައިގަނެފައި -- ފޮޓޯ/ ޕޮލިސް

ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި، ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ބަލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ. އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ.

https://sun.mv/194951

އެކްސިޑެންޓުވުމާ އެކު ކާރުގައި ތިބި ތިން މީހުން ވެސް ވަނީ ފިލައިފައެެ.

އެ މައްސަލައިގައި އެ ވަގުތު ކާރުގައި ތިބި ތިން މީހުންގެ ތެރެއިން އިކްރާމުއްރަޙްމާނާއި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން އަމުރުކުރީ މިދިޔަ މަހު އެއްވަނަ ދުވަހުއެވެ. އެ ކާރުގައި ދެން އިން ޖިނާޙް އިސްމާއިލްގެ ބަންދަށް ހުޅުމާލޭ ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ.

އެކަމަކު، އެ އެކްސިޑެންޓުވި ކާރު ދުއްވަން އިން އިކްރާމް ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކުރަން ނިންމައިފައެވެ.

ހައިކޯޓުގައި ހުކުމުގައި ބުނެފައިވަނީ ގާނޫނުއަސާސީން އިކްރާމަށް ލިބިދޭ ގާނޫނީ ވަކީލެއްގެ ހައްގަށް އޭނާ އެދިފައިވަނިކޮށް، އެ ހައްގު ހޯދައިނުދީ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ނުރައްކާތެރި ގޮތަކަށް ދުއްވި އެ ކާރު ދުއްވަން އިން އިކްރާމް ވަނީ މިނިވަންވެފައެވެ.

އެހެން ނަމަވެސް ހަމަ އެރޭ ކޯޓު އަމުރެއްގެ ދަށުން އިކްރާމް ވަނީ އަނެއްކާ ވެސް ހައްޔަރުކޮށްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިވަގުތު ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވޯޑުގައެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވުން ހިމެނެއެވެ.

އެއީ އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.

އެކްސިޑެންޓުވުމާއި އަނިޔާވި މީހާ އެމްބިއުލާންސަށް އެރުވުމާ ދޭތެރޭ ހިނގީ 10ވަރަކަށް މިނެޓުކަމުން އެދެމެދުގައި ގިނަ އިރުތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް