މަޑުކޮށްލައިގެން އިންދާ ކާރުން ޖެހި މީހާ ދިޔައީ ވިއްސައިގެން

ޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުކައިރީ ހިނގި އެކްސިޑެންޓު: މަޑުކޮށްލައިގެން ހުއްޓާ ޖެހުނު ކާރުން މީހާ ދިޔައީ ވިއްސައިގެން

މަޑުމަޑުން ސައިކަލު ދުއްވާފައި އައިސް އެއްފަޅިއެއްގައި އޭނާ މަޑުކޮށްލީ ޖީބުގައި އޮތް ފޯނު ނެގުމަށެވެ. ނަމަވެސް، ސައިކަލު މަޑުކޮށް ޖީބުން ފޯނު ނަގާ ހަމަޖެހިނުލެވިގެން އުޅެނިކޮށް ފަހަތުން އައި ކާރުން ޖެހި އޭނާ ދިޔައީ ވިއްސައިގެންނެވެ.

މިއީ މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުކައިރީ ހިނގި އެކްސިޑެންޓުގައި ކަންތައް ވީގޮތެވެ. މިހާރު ވަނީ އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖު ވެސް ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.

ދިގަށް އޮތް މަގުން ސައިކަލް ދުއްވާފައި އައިސް އޭނާ މަޑުކޮށްލަނީ މަގުގެ އެއްފަޅީގައެވެ. ކާރު ނުކުންނަނީ ހުރަހަށް އޮތް މަގުންނެވެ. އެ މަގުން ނުކުމެ ދިގަށް އޮތް މަގަށް އެޅި އިރު ވެސް ކާރުގެ ކޮންޓްރޯލާއި މިސްރާބު ވަނީ ގެއްލިފައެވެ. ކާރު އައީ ބާރު ސްޕީޑުގައެވެ.

ސައިކަލުގައި އިން މީހާއަށް ކާރު ފެނުނުއިރު، އޭނާ ދުރަށް ދާން ސިކުންތެއް ވެސް ނުލިބުނެވެ. ކާރު ބާރު ސްޕީޑުގައި އަންނަތަން ފެނުމުން ލިބުނު ސިހުމުން އޭނާ ސަލާމަތްވާން ދާން އުޅޭ މަންޒަރު ވެސް ފެނެއެވެ.

ނަމަވެސް، އޭނާއަށް ސަލާމަތްވާން ސިކުންތެއް ވެސް ނުލިބި ބާރު ސްޕީޑުގައި އައި ކާރު އެނބުރެމުން ގޮސް އެރީ ސައިކަލަށެވެ. ކާރު ކޮންޓްރޯލް ވީ ސައިކަލުގައި ޖެހި ކައިރީ އިން ގަހުގައި ވެސް ޖެހުނު ފަހުންނެވެ.

ކާރުން ޖެހުމާއެކު ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ. ކާރުގެ ސްޕީޑުގެ ބާރުކަން އެނގެނީ ގަހުގައި ޖެހި ގަސް ވެސް ބިންދައިގެން ދިއުމުންނެވެ.

މި ހާދިސާގައި ކާރުގެ ފަހަތާއި ކުރިމައްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

https://sun.mv/194949

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

އަދި ސައިކަލު ދުއްވަންއިން މީހާއަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

comment ކޮމެންޓް