ޗައިނާގެ އެންމެ ބޮޑު ބޭންކު، އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަނީ

ޗައިނާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ): އެ ބޭންކުގެ ގޮތްޕެއް ރާއްޖޭގައި ހުޅުވަން މަސައްކަތްކުރާކަމަށް ސަރުކާރުން ހާމަކޮށްފި -- ފޮޓޯ/ ރޮއިޓާސް

ޗައިނާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އުފެދުނު އައިސީބީސީއަކީ މިހާރު ދުނިޔޭގެ ވެސް އެންމެ ބޮޑު ބޭންކެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށްޓަކައި މިއަހަރު ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާއެކު ގިނަ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

އަދި އެ މަޝްވަރާކުރުންތަކުގައި ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

އޭގެތެރޭގައި ޗައިނާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ އައިސީބީސީގެ ގޮތްޕެއް ރާއްޖޭގައި ގާއިމުކުރުމަށް ހުށަހެޅުއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޗައިނާ ސަރުކާރަށް ހުށަހެޅުއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ޗައިނާގެ އަދި ދުނިޔޭގެ ވެސް އެންމެ ބޮޑު ބޭންކު، އައިސީބީސީގެ ބްރާންޗެއް ދިވެހިރާއްޖޭގައި ގާއިމުކުރުން ވެސް ހިމެނޭ. އެ މަސައްކަތުގެ ނެގޯޝިއޭޝަންތައް ހަމަ ކުރިއަށްދޭ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އޭގެ އިތުރުން ވެސް ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމާއި އެ ގައުމުން ދަތުރުކުރާ މަންޒިލްތައް އިތުރުކޮށްދިނުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސައީދު ވިދާޅުވީ ދެ ގައުމު ދެމެދުގައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތީ ނިމިފައި ކަމަށެވެ. އެގޮތުން ދެ ގައުމުން އެއްބަސްވާ ވަގުތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން "އެކްޓިވޭޓް" ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/196699

ރާއްޖޭގައި ޗައިނާގެ އައިސީބީސީގެ ގޮތްޕެއް ހުޅުވުމުގެ މަސައްކަތްތައް ކުރާއިރު އިއްޔެ ވަނީ ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ އެކު ކަރަންޓު އެކައުންޓު މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރަން މަގުފަހިކުރަން ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ޗައިނާއާ އެކު އަހަރެއްގެ މައްޗަށް މިހާރު 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުއާމަލާތްކުރެއެވެ. މި ފަހުމުނާމާގެ ސަބަބުން މި އަދަދުތައް އިތުރުވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ސަރުކާރުން އަންނަނީ އަވައްޓެރި އިންޑިއާއާ އެކުގައި ވެސް މި ފަދަ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ރާއްޖޭގެ ބޭރު ދަރަނީގެ މައްސަލަ ބޮޑުވެ، ޑޮލަރު ތާށިވެފައިވާއިރު ޑޮލަރަށް ބަރޯސާވާ މިންވަރު ދަށްކޮށް، އާމްދަނީ އިތުރުކުރަން ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބައެއް ޓެކްސްތައް ވެސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް މި ފަހުން ވަނީ ބަދަލު ގެނެސްފައެވެ.

comment ކޮމެންޓް