ޗައިނާއިން މުދާ ގެންނަން ޑޮލަރު ބޭނުންނުވާ ގޮތް ހަދަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުޙައްމަަދު މުއިއްޒު، އެގައުމުގެ ރައީސް ޝި ޖިންޕިންއާ އެކު: ދެ ގައުމުން ޑޮލަރާ ނުލައި މުއާމަލާތްކުރަން ވަނީ އެމްޔޫއޯއެއްގައި ސޮއިކޮށްފައިދި -- ފޮޓޯ/ ޒިންހުއާ

ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ އެކު ކަރަންޓު އެކައުންޓު މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރަން މަގުފަހިކުރަން ދެ ގައުމުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޑޮލަރުގެ ދަތިކަން ދިމާވެ، ސަރުކާރުން އަންނަނީ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އަވައްޓެރި، ރަހުމަތްތެރި ގައުމުތަކާ އެކު މި ފަދަ އެއްބަސްވުންތައް ހަދަން މަސައްކަތްކުރަމުންނެވެ.

ވިޔަފާރިއާއި އިގުތިސާދީ ކަންކަމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާއާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރަން މަގުފަހިކުރުމަށްޓަކައި ޕީބީއޯސީއާ އެކު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ މެދުގައި ހިނގާ ކަރަންޓު އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެ ގައުމުގެ ފައިސާއިން ހިންގަން މަގުފަހިކޮށްދޭ އޮނިގަނޑެއް އެކުލަވައިލަން ވަނީ ނިންމައިފައެވެ.

މި ބަދަލާ އެކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

https://sun.mv/193597

ބަޔާނުގައި އިތުރަށް ބުނީ، ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ. އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ އެކު ކުރެއްވި މަޝްވަރާތަކުގެ އަލީގައި ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާކުރި ކަމަށެވެ.

މި ފަހުމުނާމާގެ ސަބަބުން، ޗައިނާއާއި ރާއްޖެއާ ދެމެދު ދެ ގައުމުގެ ފައިސާއިން މުއާމަލާތްކުރަން ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓުކުރަން ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިތައް އިތުރުވާނެ ކަމަށް ވުޒާރާގެ ބަޔާނުގައިވެއެވެ.

މިއީ ރާއްްޖޭގެ އިގުތިސާދު ފުޅާކުރުމާއި މުހިންމު ބައިވެރިންނާ އެކު ވިޔަފާރި ފުޅާކުރަން ރައީސް މުއިއްޒު ގެންގުޅުއްވާ ދުރުވިސްނޭ ސިޔާސަތުގެ ނަތީޖާ ކަމަށް ބަޔާނުގައި ބުންޏެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ޗައިނާއާ އެކު އަހަރެއްގެ މައްޗަށް މިހާރު 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުއާމަލާތްކުރެއެވެ. މި ފަހުމުނާމާގެ ސަބަބުން މި އަދަދުތައް އިތުރުވާނެ ކަމަށް އަންދާޒާކުރެވެއެވެ.

ސަރުކާރުން އަންނަނީ އަވައްޓެރި އިންޑިއާއާ އެކުގައި ވެސް މި ފަދަ އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ރާއްޖޭގެ ބޭރު ދަރަނީގެ މައްސަލަ ބޮޑުވެ، ޑޮލަރު ތާށިވެފައިވާއިރު ޑޮލަރަށް ބަރޯސާވާ މިންވަރު ދަށްކޮށް، އާމްދަނީ އިތުރުކުރަން ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބައެއް ޓެކްސްތައް ވެސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް މި ފަހުން ވަނީ ބަދަލު ގެނެސްފައެވެ.

comment ކޮމެންޓް