ދިވެހިރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާމެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައި ތަނބުކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައެެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ/ރައީސް އޮފީސް
މި ބައްދަލުވުމުގައި ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް މަޝްވަރާގައި އެ މަނިކުފާނު ވިދާޅުވީ، ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުއޮތް ރަޙްމަތްތެރިއެއް ކަމަށެވެ.
އަދި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުމަކީ، ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ/ރައީސް އޮފީސް
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ)ގެ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން ވޯންގް ޔޮންގްއެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަމަންޓުން ދެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު އެ މަނިކުފާނު ވަނީ ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއި ބޭރުގެ މުހިންމު މެހެމާނުންނާއެކު ހަނދާނީ ފޮޓޯއެއް ވެސް ނަންގަވާފައެވެ.