ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލްކުރުމަށް ޗައިނާގެ އެހީއާއެކު ލެބޯޓަރީއެއް ގާއިމުކުރަނީ

ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށައިފި -- ފޮޓޯ/ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާޜާ

ރާއްޖޭގައި ރުކުމަޑީގެ ބާވަތެއް ކޮންޓްރޯލްކުރުމަށް ޓަކައި ޗައިނާގެ އެހީއާއެކު ލެބޯޓަރީއެއް ގާއިމުކުރުމަށް ދިރާސާ މަސައްކަތްތައް ފަށައިފިއެވެ.

މިއަހަރުގެ ކުރީކޮޅު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ރުކުމަޑިއެއް ކަމަށްވާ، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށާއި އެ މައްސަލައަށް ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެދި އެއްބަސްވުމެއް ހިމެނެއެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލްއަކީ ރާއްޖޭގެ ރުއްތަކަށް ގެންލުންދޭ ސޫފާސޫފީގެ ތެރެއިން އެންމެ ނުރައްކާތެރި ސޫތްޕެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލްއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ގާއިމްކޮށް، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދިނުމަށް ޚާއްޞަ މަޝްރޫއެއް ހިންގުމަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)އާ މިހާރު ހަވާލުކޮށްފައި ވާކަމަށެވެ.

އެ އިންސްޓިޓިއުޓްގެ ހަތަރު ޕްރޮފެސަރުން މިދިޔަ ބުދަ ދުވަހު ރާއްޖެ އައިސްފައި ވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ ފަންނީ މާހިރުންގެ މިޓީމުން ރާއްޖެއަށް ކުރާ މިދަތުރުގެ މަގުސަދަކީ ރާއްޖޭގައި ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ގާއިމުކުރުމަށް ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ހެދުން ކަމަށެވެ.

އަދި ލެބޯޓްރީ ހަދަން ކަނޑައަޅާ ސަރަޙައްދު ބަލައި އެތަނުގައި ލެބޯޓްރީ ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ މަގު ތަނަވަސްކުރުމަށް ވާންޖެހޭ ތައްޔާރީތައްވުން ކަމަށްވެސް އެެވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ވަނީ ހަނިމާދޫއަކީ ހިސްޕިޑް ބީޓްލްގެ މައްސަލަ އުޅޭ ރަށަކަށްވެފައި ސެންޓަރުން ލިބެންހުރި ބައެއް އިމާރާތްތަކަކީ ލެބޯޓްރީއެއް ހެދުމަށް ބޭނުންކުރެވިދާނެ އިމާރާތްތަކެއް ކަމަށް ފެންނާތީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރަކީ މިވަގުތު އެންމެ އަވަހަށް މިފަދަ ލެބޯޓަރީއެއް ގާއިމުކޮށް މަސައްކަތްފެށުމަށް އެންމެ އެކަށީގެންވާ ތަން ކަމުގައި އެޓީމުން ފާހަގަކޮށްފައި ވާކަމަށް ބުނެފައެވެ. އަދި ކަޓާސްގެ ފަންނީ މާހިރުންގެ ޓީމު މިވަގުތު ހަނިމާދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

އަދި އެ ޓީމުން ހަނިމާދުއަށް ކުރާ ދަތުރުގައި ބަޔޮލޮޖިކަލް ކޮންޓްރޯލް މެނޭޖްމަންޓް ޕްރޮޓޮކޯލްތަކާއި އިންސެކްޓް-ޕެސްޓް އިންޓަރެކްޝަންތަކާ ބެހޭ މުހިންމު ފަންނީ މައުލޫމާތުތަކެއް އެ ވުޒާރާގެ ފަންނީ މުވައްޒަފުންނާއި ހިއްސާކޮށްފައި ވާކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކަޓާސްގެ މާހިރުންނާއި އެ ވުޒާރާގެ މުވައްޒަފުން ހއ. މާފައްސަށް ވެސް ގޮސްފައި ވާކަމަށާއި އެ ދަތުރުގެ މައިގަނޑު މަގުސަދަކީ ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް މާފަހީގައި މިހާރު ފަށާފައިވާ ބަޔޮލޮޖިކަލް ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި މައުލޫމާތު ބަދަލުކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް