މަހުޖަނު އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ސެޓެލައިޓް ޚިދުމަތާ ވާދަކުރުމަށް ޗައިނާއިން މަސައްކަތް ފަށައިފިއެވެ. ނަމަވެސް މިއީ ފަސޭހަ މަސައްކަތެއް ނޫންކަމަށް ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
ސްޕޭސްއެކްސްގެ ސްޓާލިންކް ޚިދުމަތުގައި މިހާރު 7،000 އާ ގާތްކުރާ ސެޓެލައިޓް އޯބިޓްގައި ދައުރުވަމުންދާއިރު، 100އަށްވުރެ ގިނަ ޤައުމުގައި ފަސް މިލިއަން ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދެއެވެ. މި ޚިދުމަތުގެ މަޤުޞަދަކީ ދުރު އަދި އާބާދީ މަދު ސަރަޙައްދުތަކަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
ސްޕޭސްއެކްސްއިން އަމާޒު ހިފާފައި ވަނީ އެ ކުންފުނީގެ ސެޓެލައިޓް ނެޓްވޯކް 42،000އަށް އިތުރުކުރުމަށެވެ. އެހެން ނަމަވެސް ޗައިނާއިން ވެސް މިފަދަ ބޮޑު އަމާޒެއް ހިފާފައިވެއެވެ. ޗައިނާގެ ތިން މަޝްރޫޢުއެއްކަމަށްވާ ޗިއަންފަން، ގުއޯ ވަންގް އަދި ހޮންގްހޫ-3ގެ ދަށުން 38،000 ސެޓެލައިޓް އޯބިޓަށް ފޮނުވުމަށް ވަނީ ރޭވިފައެވެ.
ސްޓާލިންކްގެ އިތުރުން ޔޫރަޕްގެ ޔޫޓެލްސެޓް ވަންވެބްއިން ވެސް 630 އަށްވުރެ ގިނަ ސެޓެލައިޓް ވަނީ އޯބިޓަށް ފޮނުވާފައެވެ. އަދި އެމެޒޯންއިން ވެސް 3،000އަށްވުރެ ގިނަ ސެޓެލައިޓް ހިމެނޭ ޕްރޮޖެކްޓް ކުއިޕާ ނަމަކަށް ކިޔާ މަޝްރޫޢުއެއް ފެށުމަށް ރާވަމުންދެއެވެ.
މިހާ ގިނަ ފަރާތްތަކުން ވާދަކުރަމުންދާއިރު ޗައިނާއިން މިފަދަ ބޮޑު މަޝްރޫޢުއެއްގައި ބައިވެރިވަނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.
ކާނެގީ އެންޑައުމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ސީނިއާ ފެލޯ ސްޓީވް ފެލްޑްސްޓީން ވިދާޅުވީ، ސްޓާލިންކްއިން ދައްކާލާފައި ވަނީ ދުރު ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމާއި، އެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ބޭނުންކުރެވޭނެކަމެވެ.
ފެލްޑްސްޓީން އިތުރަށް ވިދާޅުވީ ޗައިނާގެ އަމާޒަކީ ރައްޔިތުންނަށް ލިބޭ މަޢުލޫމާތު ސެންސަރު ކުރުން ކަމަށެވެ. އެހެންކަމުން ސްޓާލިންކްއިން ސެންސަރު ނުކުރާ މަޢުލޫމާތު ޗައިނާގެ ރައްޔިތުންނަށް ނުވަތަ ޗައިނާގެ އެކުވެރި ޤައުމުތަކުގެ ރައްޔިތުންނަށް ލިބުމަކީ ޗައިނާގެ ސެންސާޝިޕް ނިޒާމަށް ނުރައްކަލެކެވެ. އެހެންކަމުން އެމީހުން ބޭނުންވަނީ މިކަމަށް ބަދަލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޯބިޓަލް ގޭޓްވޭ ކޮންސަލްޓިންގްގެ ބާނީ ބްލެއިން ކާސިއޯ ވެސް މިކަމާ އެއްބަސްވެއެވެ.
މާހިރުން ބުނާގޮތުގައި ޗައިނާގެ ސެޓެލައިޓް ޚިދުމަތްތައް އެމެރިކާ، ހުޅަނގު ޔޫރަޕް، ކެނެޑާ އަދި އެމެރިކާގެ އެހެން އެކުވެރި ޤައުމުތަކުގައި އެންމެ ކާމިޔާބު ނުވިޔަސް، އެހެން ގިނަ ސަރަޙައްދުތަކުގައި ޗައިނާގެ ޚިދުމަތްތަކަށް ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.