ހަދަނީ ދޮގު ނަމަ ސަރުކާރުން އެ ވަރަށް ތުރުތުރެއް ނާޅާނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައިސާދޭ ކަމަށް ބުނެ ދައުރުވާ ވާހަކައިގައި ތެދު އެކުނުލެވޭ ނަމަ، ސަރުކާރުން އެ ވަރަށް "ތުރުތުރެއް ނާޅާނެ" ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައިސާދޭ ކަމަށް ބުނެ ދައުރުވާ ވާހަކައަކީ ދޮގު ވާހަކައެއް ނަމަ، ސަރުކާރުން އެ ވަރަށް "ތުރުތުރެއް ނާޅާނެ" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުޢިއްޒުގެ ފަރާތުން ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވަމުން ގެންދެވުމަށްފަހު، މި މަހު 25،000 ރުފިޔާ އިތުރުކޮށް، ކޮންމެ މެންބަރަކަށް 75،000 ރުފިޔާ ދޫކޮށްފައިވާކަމަށް ބުނެ ބައެއް ނޫސްތަކުން އަންނަނީ ޚަބަރުތައް ފަތުރަމުންނެވެ.

އެ ޚަބަރު ދޮގުކޮށް، ސަރުކާރުން ވަނީ އެ ޚަބަރު ފެތުރި ފަރާތާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

https://sun.mv/196616

ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާގައި މި ކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އޮއްޓަރެއް ނެތް ޚަބަރެއް ޖެހި ކަމަށްބުނެ، ހިނގަހިނގައި އޮންނަ ނޫހަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރުދޭނީ، އެ ޚަބަރެއްގައި ކޮންމެވެސް ވަރެއްގެ ތެދެއް އެކުލެވޭތީ ކަމަށެވެ.

"ނޫހެއްގައި އެ ވާހަކަ ލިޔުނީމާ، އެ ލިޔާ ވާހަކައިގެ އެއްވެސް އޮއްޓަރެއް މަސްދަރެއް ނެތް ކަމަށް ވަންޏާ ކީއްކުރަންތޯ އެހާވަރަށް ރެޓްލްވާންވީ؟ ކީއްކުރަންތޯ އެހާވަރަށް ތުރުތުރު އަޅަންވީ؟" ޔާމީން ސުވާލު އުފެއްދިއެވެ.

އޮއްޓަރެއް ނެތް ޚަބަރެއް ޝާއިއުކުރުމާ ގުޅިގެން އެ ކަމާއިމެދު ފިޔަވަޅު އެޅުމަށްވުރެ މާ ބޮޑެތި މައްސަލަތައް އެބަހުރިކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެ ކަންކަމަށް އެއްވެސް ޖަވާބެއްދޭން ބޭނުންނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި މަޖިލިސް މެންބަރުންނަށް ޚިޔާލުފާޅު ކުރުމުގެ ހައްގު ލިބިދީފައި އޮންނަހެން، ރައްޔިތުންނަށް ވެސް އެ ހައްގު އޮންނަނީ ލިބިދީފައެވެ.

"ލައްކަ މީހުން ލައްކަ ވާހަކަ ދައްކާނެ. ބާޒާރު މަތީގައި ދައްކާ ހުރިހާ ވާހަކައެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ނަންގަނެވިއްޖެ ކަމަށް ވަންޏާ ދެން ފިޔަވަޅު އަޅަންވީތޯ؟ އެއީތޯ ފްރީޑަމް އޮފް އެކްސްޕްރެޝަން [ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން]؟"

ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ފައިސާދޭ ކަމަށްބުނެ ދެކެވެމުންދާ ވާހަކައާ ގުޅިގެން ރޭ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަނީ އެ ކަމުގެ ތުހުމަތު ޔާމީނަށް އަމާޒު ކުރައްވައިފައެވެ.

https://sun.mv/196627

ރައީސް މުޢިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވަމުން ގެންދަވާ ކަމަށް ބުނެ ވާހަކަދެކެވެމުން ފެށުމުން، ރަސްމީކޮށް އެ ޕާޓީގެ މަޖިލިސް މެންބަރެއް އޭރު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް މި ވާހަކަ ދެކެވުމާއެކު އެއިރު ވެސް ސަރުކާރުން ވަނީ މިކަން ދޮގު ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގައެވެ.

comment ކޮމެންޓް