ޕީއެންސީގެ މެންބަރުންނަށް ފައިސާ ބަހާކަމަށްބުނެ ފަތުރާ ވާހަކައިގެ އަޑީގައި ހުންނާނީ ޔާމީން: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު: ވިދާޅުވީ ރައީސް މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާދޭ ކަމަށްބުނެ ދެކެވޭ ވާހަކައިގެ އަޑީގައި ހުންނަވާނީ ޔާމީން ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ނިސްބަވްތާ މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ކޮންމެ މަހަކު 50،000 ރުފިޔާ ދޭ ކަމަށްބުނެ ފަތުރަމުންދާ ވާހަކައިގެ އަޑީގައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިރޭ ތުހުމަތުކުރައްވައިފިއެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުޢިއްޒުގެ ފަރާތުން ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވަމުން ގެންދެވުމަށްފަހު، މި މަހު 25،000 ރުފިޔާ އިތުރުކޮށް، ކޮންމެ މެންބަރަކަށް 75،000 ރުފިޔާ ދޫކޮށްފައިވާކަމަށް ބުނެ ބައެއް ޚަބަރުތައް އަންނަނީ ފެތުރެމުންނެވެ.

އެ ޚަބަރު ދޮގުކޮށް، ސަރުކާރުން ވަނީ އެ ޚަބަރު ފެތުރި ފަރާތާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ބުނެފައެވެ.

https://sun.mv/196616

ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް ޖަލްސާއަށް ފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް ފައިސާ ދެއްވާ ކަމަށް ބުނެ، ދެކެވެމުންދާ ވާހަކައަކީ އެ ޕާޓީއަށް ނިސްބަތްވާ 75 މަޖިލިސް މެންބަރުންގެ ބޮލުގައި އެޅުވޭ ވަރަށް ބޮޑު އިލްޒާމެއް ކަމަށެވެ.

ފަލާހު ތުހުމަތުކުރެއްވި ގޮތުގައި އެ ވާހަކަތައް ފެތުރުމުގެ އެންމެ އަޑީގައި ހުންނަވާނީ ޔާމީނެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޔާމީނު އެ ވާހަކަތައް ފަތުރުއްވަނީ ފައިސާ ވެސް ދީގެންނެވެ.

"ހަގީގަތުގައި މީގެ އެންމެ އަޑީގައި ހުންނާނީ ޔާމީނު. ޔާމީނު އަދަދު ނޫހަށް ފައިސާ ދީގެން މި ހުރިހާ ސަކަރާތެއް ޖަހަނީ. އެއީ ޔާމީނަކަށް ނުދެއްކޭނެ ފައިސާ ނޫން ވާހަކައެއް. ފައިސާއޭ ދުލުން މި ބޭރުވާ ހުރިހާ އެއްޗަކީ ވެސް،" ފަލާހު ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިޔަށްދާކަން ފާހަގަ ކުރައްވައި، ފަލާހު ވިދާޅުވީ އަލަށް އެ ޕާޓީއާ ގުޅޭ ފަރާތްތަކުގެ ފޯމުތައް ގެންދިޔަ ނަމަވެސް ފައިސާ ބަހަނީ ކަމަށް ބުނެ ވާހަކަ ފަތުރާ ކަމަށެވެ.

ފައިސާ އަޅާފައިހުރި ކަމަށް ބުނާ ކަޅު ދަބަސް ދިމްޔާތުން ނެރެގެން ޕީއެންސީގެ އޮފީހަށް ގެންދިޔައީ ދުވާފަރު ދާއިރާގެ މެންބަރު ކަމަށް ޚަބަރުތަކުގައި ވަނީ ބުނެފައެވެ. މި ކަމާ ގުޅިގެން ފަލާހު ވިދާޅުވީ ދުވާފަރަކީ އެ އަތޮޅުން އާބާދީގެ އެންމެ ބޮޑު ރަށް ކަމަށެވެ. އެ ގޮތުން އެ ރަށުން ގެންނަ ފޯމުތަކަކީ ދަބަހަކަށް ލައިގެން ނޫނީ ގެންދެވޭނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ރައީސް މުޢިއްޒަކީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ފަދަ ނޭއްގާނީ ކަންކަމަށް ބާރު އަޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް މުޢިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވަމުން ގެންދަވާ ކަމަށް ބުނެ ވާހަކަދެކެވެމުން ފެށުމުން، ރަސްމީކޮށް އެ ޕާޓީގެ މަޖިލިސް މެންބަރެއް އޭރު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް މި ވާހަކަ ދެކެވުމާއެކު އެއިރު ވެސް ސަރުކާރުން ވަނީ މި ކަން ދޮގު ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގައެވެ.

comment ކޮމެންޓް