ޕީއެންސީ މެމްބަރުންނަށް ރައީސް ފައިސާދެއްވިކަމަށް ބުނާ ޚަބަރު ދޮގުކޮށް ފިޔަވަޅު އަޅަނީ

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރުން: -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައިސާ ބައްސަވާކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރު ސަރުކާރުން ދޮގުކޮށް އެ ޚަބަރު ފެތުރި ފަރާތާމެދު ފިޔަވަޅު އަޅަން ނިންމައިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ނޫހަކުން ޝާއިއުކުރި ޚަބަރެއްގައިވަނީ ރައީސް، އެ މަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް 75،000 ރުފިޔާ ދެއްވާކަމަށް ބުނެފައެވެ.

އެ ޚަބަރު ދޮގުކުރައްވައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވަނީ "ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު" ޚަބަރެއް ކަމަށެވެ.

އަދި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ،" އެ ޕޯސްޓުގައި ވެއެވެ.

އެއާއެކު ހީނާވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރާކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތައް ދެކެވުނު ނަމަވެސް މި ކަމުގައި ޕީއެންސީގެ އެއްވެސް މެމްބަރަކު ރަސްމީކޮށް ވަކި ވާހަކައެއް ވިދާޅުނުވެއެވެ. ނަމަވެސް މީގެ ކުރިން ވެސް މި ވާހަކަ ދެކެވުމާއެކު އެއިރު ވެސް ސަރުކާރުން ވަނީ މި ކަން ދޮގުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ އަތުގައެވެ.

comment ކޮމެންޓް