ނޫސްވެރިންނަށް ބިރުދެއްކުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

ނޫސްވެރިންނަށް ބިރުދެއްކުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުޢިއްޒުގެ ފަރާތުން ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވަމުން ގެންދެވުމަށްފަހު، މި މަހު 25،000 ރުފިޔާ އިތުރުކޮށް، ކޮންމެ މެންބަރަކަށް 75،000 ރުފިޔާ ދޫކޮށްފައިވާކަމަށް ބުނެ ބައެއް ޚަބަރުތައް އަންނަނީ ފެތުރެމުންނެވެ.

އެ ޚަބަރު ދޮގުކޮށް، ސަރުކާރުން ވަނީ އެ ޚަބަރު ފެތުރި ފަރާތާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ބުނެފައެވެ.

https://sun.mv/196616

މި ކަމާ ގުޅިގެން އެމްޑިޕީން މިރޭ ނެރުނު ބަޔާނުގައި ވަނީ ނޫހަކުން ޝާއިއުކޮށްފައިވާ ޚަބަރާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަރުކާރުން އެ ނޫހަށް އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ނޫސްވެރިކަން ކުރުމާއި, ހަބަރާއި މައުލޫމާތު ޝާއިއުކުރުމާއި, އެ ހަބަރުތައް ފެތުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެކެވެ. އެ ހައްގުގެ ބޭނުން ހިފައި، ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ ފަރާތްތަކަށް ބިރު ދެއްކުމަކީ ޚުދުމުޚުތާރު ވެރިކަމަކަށް ފަހި ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައިވަނީ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބުކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުން ކުރާ ނޭއްގާނީ ކަންކަމުގެ ޚަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނަށް ފުރައްސާރަކޮށް، ބިރު ދައްކައި އަދި އެކި ގޮތްގޮތުން ގޯނާ ކުރުމަކީ އެފަދަ މީޑިއާތަކާއި ނޫސްވެރިންގެ އަޑު ކަނޑުވައިލުމަށް ރާވައި އިންތިޒާމުވެގެން ސަރުކާރު އިސްވެ ކުރާ ކަމެއްކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

އެ ޕާޓީން ސަރުކާރަށް ގޮވާލާފައިވަނީ ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލައި ނޫސްވެރިންނަށް ބިރު ދެއްކުމަށް ކުރަމުންދާ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ކުރެވޭނެ ފަދަ މާހައުލެއް ސަރުކާރުން ކަށަވަރު ކޮށްދިނުމަށެވެ.

https://www.sun.mv/196627

ޕީއެންސީއަށް ނިސްބަވްތާ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށް ބުނެ ދައުވަމުންދާ ވާހަކައަށް އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް މިރޭ ރައްދު ދެއްވިއެވެ. އޭނާ ތުހުމަތު ކުރައްވަނީ އެ ވާހަކަތައް ފެތުރުމުގެ އެންމެ އަޑީގައި ހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށެވެ.

comment ކޮމެންޓް