ގާމަގު ކެފޭ އިމާރާތުގައި އަލުން ރޯވި ކަމުގެ ރިޕޯޓާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

މިއަދު މެންދުރު ގާމަގު އިމާރާތުގައި ރޯވުމުން އަލިފާން ނިއްވަނީ: މިރޭ އަނެއްކާވެސް އިމާރާތުގައި ރޯވި ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ ހ. ދޫހިމިރި ގޭގައި މިއަދު ދެވަނަ ފަހަރަށް ރޯވެފައިވާ ކަމުގެ ރިޕޯޓާއެކު ކަމާ ބެހޭ އިދާރާތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އިމާރާތުގައި އަނެއްކާވެސް ރޯވި ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ވަނީ، ދޫހިމިރި ގޭގައި އަލުން ރޯވެފައިވާ ކަމަށް ބުނެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

މީގެ ކުރިން އެ ގޭގައި ރޯވީ މެންދުރު 14:47ހާއިރެވެ. އެ ހާދިސާއާ ގުޅިގެން ދެ އަންހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނުނީ 30 އަހަރުގެ ބޭރު އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ތެރެއިން ބޭރު މީހާ ދޫކޮށްލާފައިވާއިރު، ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

https://sun.mv/196529

މީގެ އިތުރުން އެ ހާދިސާގައި 22 ދިވެހިންނާއި 15 ބިދޭސީން ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައިވެއެވެ.

comment ކޮމެންޓް