ލަންކާގެ މަސްބޯޓަކުން ރާއްޖެ އެތެރެކުރި 1 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަދައްކަވަނީ: ވިދާޅުވީ ސްރީ ލަންކާގެ މަސްބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާގެ މަސްބޯޓަކުން، މަގުމަތީ އަގުގައި އެއް ބިލިއަން ރުފިޔާ ހުންނަވަރުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސްބޯޓު އަތުލައިގަތީ މަކުނުދޫ ބޭރުން ކަމަށެވެ. އަދި އެ ބޯޓުގެ މައުލޫމާތު އެނގުނީ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފުން ރިޕޯޓުކުރުމުން ކަަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި މިހާރު އެ ބޯޓު އޮތީ ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ. އަދި "އަށަންޕުތަ" ނަމަކަށް ކިޔާ އެ ބޯޓުގައި ތިބީ ފަސް ފިރިހެނުން ކަމަށާއި އެއީ ލަންކާ މީހުން ކަމަށް ސީޕީ މައުލޫމާތުދެއްވިއެވެ.

މިއަދު ހެނދުނު 09:30 ގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ މީހުންނާއެކު ކުޅުދުއްފުށި ސިޓީގެ ފުލުހުން މި އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު

މި ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވައި ސީޕީ ވިދާޅުވީ ލަންކާގެ ބޯޓާ، ދިވެހި ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް ވާކަމެއް އަދި ނޭނގޭ ކަމަށާއި، މިވަގުތު އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

"ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަމަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން!" ރައީސް ވިދާޅުވިއެވެ.

މި މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް