ގާމަގު އިމާރާތުގައި ރޯވުން: 22 ދިވެހިންނާއި 15 ބިދޭސީން ހާލުގައި ޖެހިއްޖެ

ގާމަގު ކެފޭ ހުންނަ އިމާރާތުގައި ރޯވުން: އެ ހާދިސާގައި 22 ދިވެހިން ހާލުގައި ޖެހިފައިވޭ -- ސަން ފޮޓޯ/ އަމަން ލަތީފް

މިއަދު މާލޭ ސޯސަން މަގުގައި ހުރި "ގާމަގު ކެފޭ" ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހަކު ހާލުގައި ޖެހިއްޖެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހ. ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވަނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.

އެ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ ކުރިން އެންޑީއެމްއޭއިން ވަނީ، އެ ހާދިސާއާ ގުޅިގެން 56 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި 50 ބިދޭސީންނާއި ހަ ދިވެހިން ހިމެނުނު ކަމަށް ބުނެފައެވެ. އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

މިއަދު މެންދުރު 14:47ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ އަންހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނުނީ 30 އަހަރުގެ ބޭރު އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ތެރެއިން ބޭރު މީހާ ދޫކޮށްލާފައިވާއިރު، ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.

https://sun.mv/196524

ދޫހިމިރި ގޭގެ އަލިފާންގަނޑު ކޮންޓްރޯލްކުރަން ގިނަ ވަގުތު ނަގައި، އަދައި ހުލިވެފައިވާއިރު ޖެހިގެން ހުރި އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.

comment ކޮމެންޓް