ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއެކު: ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވިދާޅުވި -- ފޮޓޯ/ ފުލުހުން

ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާގެ މަސްބޯޓަކުން، މަގުމަތީ އަގުގައި އެއް ބިލިއަން ރުފިޔާ ހުންނަވަރުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

https://sun.mv/199447

މި އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ. އެތަކެތީގެ ޓެސްޓުތަކުގެ ޕްރިލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިންއެވެ.

ސްރީ ލަންކާގެ މަސްބޯޓަކުން، 468.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަން: ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ އެކްސް: ރައީސް މުއިއްޒު

އެ އޮޕަރޭޝަނާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

"ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މިދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން!" ރައީސް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސްބޯޓު އަތުލައިގަތީ މަކުނުދޫ ބޭރުން ކަމަށެވެ. އަދި އެ ބޯޓުގެ މައުލޫމާތު އެނގުނީ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފުން ރިޕޯޓުކުރުމުން ކަަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި ގޮތުގައި މިހާރު އެ ބޯޓު އޮތީ ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ. އަދި "އަށަންޕުތަ" ނަމަކަށް ކިޔާ އެ ބޯޓުގައި ތިބީ ފަސް ފިރިހެނުން ކަމަށާއި އެއީ ލަންކާ މީހުން ކަމަށް ސީޕީ މައުލޫމާތުދެއްވިއެވެ.

comment ކޮމެންޓް