ރޭސް ކާރުތައް ފުރާނައަށް ނުރައްކަލަކަށް، އާއްމުން ރަތަށް!

ވިނަރެސް ކައިރީ އެކްސިޑެންޓުވި ކާރު ގެންދަނީ -- ސަން ފޮޓޯ

މަގުމަތީގެ ގަވައިދުތަކާ އެއްގޮތަށް ދުއްވާފައި ދަނިކޮށް، ނުވަތަ ޓްރެފިކްގައިއާއި މަގުގެ އެއް ފަރާތެއްގައި މަޑުކޮށްގެން ހުއްޓާ ވެސް، ބާރު ސްޕީޑުގައި އަންނަ އުޅަނދުތައް ކޮންޓްރޯލް ނުވެ ގޮސް މުޑިއަރަނީއެވެ. މިފަދަ އެކްސިޑެންޓުތަކުގެ ހިނގުން އާންމުވެ، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން މަގުމަތީގައި ރައްކާތެރިކަމެއް ނެތްކަން އިހުސާސުވެއެވެ.

ރޭ ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި 23 އަހަރުގެ ޒުވާން ފިރިހެނަކު ނިޔާވުމާއެކު، ރޭސްކާރުތައް އާދަޔާ ޚިލާފަށް ބާރަށް ދުއްވާ މައްސަލައާ މެދު އަނެއްކާވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.

ރޭ އެކްސިޑެންޓު ހިނގީ ސެންޓްރަލް ޕާކު ކައިރީ، އުރީދޫ ބިލްޑިންގު ކުރިމައްޗަށްވާ ގޮތަށެވެ. އެ ހާދިސާގައި ނިޔާވީ، ސެންޓްރަލް ޕާކު ސަރަހައްދުގައި ބާއްވަން ހަމަޖެހިފައި އޮތް މެރަތަންއަކަށް ތައްޔާރުވަމުން ދިޔަ ހަސަން ސަމާހެވެ.

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގަކީ ނުރައްކާތެރި އެކްސިޑެންޓުތައް މީގެ ކުރިން ވެސް ހިނގާފައިވާ މަގެކެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލުތަކެއް ޖެހި، ހަތަރު މީހަކަށް އަނިޔާވިއެވެ.

އޭގެ ތެރެއިން ދެމަފިރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބި، 59 އަހަރުގެ ފިރިހެން މީހާ ނިޔާވީއެވެ.

https://sun.mv/185349

އޭގެ ފަހުން، މިއަހަރުގެ ތެރޭގައި އެޗްޑީސީން ވަނީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި އަދި އެކްސިޑެންޓުތައް މަދު ތަނަކަށް ހެދުމަށް ޓަކައި މަގުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުން ހިމެނެއެވެ.

ހުސައިން ސަމާހު: 23 އަހަރުގެ ޒުވާނާ ވަނީ ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވެފައި -- ފޮޓޯ/ މުހައްމަދު ޝަމްއާން ލުތުފީ، އެކްސް

ނަމަވެސް މަގަކަށް ގެނައި ބަދަލުން ބާރު ސްޕީޑުގައި ދުއްވުން ނުހުއްޓުވި، 26 އަހަރުގެ ހުސައިން ސަމާހު ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވީއެވެ.

އެ މައްސަލައިގައި ކާރު ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މިފަދަ އެކްސިޑެންޓުތަކާ ގުޅިގެން އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ބުނަމުންނެވެ.

ކަރުންމަތީގެ ޑޮކްޓަރު ޑރ. މައުރޫފް ހުސައިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، އެކްސިޑެންޓުވި ސަރަހައްދު ސިފަކުރައްވައިފައި ވަނީ، އެ ސަރަހައްދުގައި އޮތް ސައިކަލު ފުނޑުފުނޑުވެ އޭގެ ބައިތައް މަގުމަތިން ފެންނަން ހުރި ކަމަށެވެ. އެކްސިޑެންޓުވި ރޭސްކާރު ވެސް އެތަނުގައި އޮތް މަންޒަރު ފޮޓޯއިން ދައްކައި، އޭނާ ވަނީ މިއީ ފާއިތުވި މަދު ދުވަސްކޮޅު ތެރޭގައި އެފަދަ ކާރެއް ޝާމިލްވާ އެކްސިޑެންޓެއް ހިނގި ދެވަނަ ފަހަރުކަން ފާހަގަކުރައްވާފައެވެ.

"ރާއްޖެއަކީ ރޭސް ކާރު ދުއްވޭ ވަރުގެ ބިމަކާއި މަގުތަކެއް އޮތް ތަނެއް ހެއްޔެވެ؟،" މައުރޫފް ސުވާލުއުފެއްދެވިއެވެ.

އެ ވާހަކައަށް ތާއިދުކޮށް، އިތުރު މީހުން ވެސް ވަނީ ރާއްޖޭގައި ރޭސްކާރު ދުއްވޭނެ މާހައުލެއް އޮތްތޯ ސުވާލު އުފައްދައިފައެވެ. އަދި އެފަދަ އުޅަނދުތައް ކޮންޓްރޯލް ކުރަން ކަމާ ބެހޭ އިދާރާތަކުން ފިޔަވަޅު އަޅާނީ މައްސަލަ ކިހާވަރަކަށް ގޯސްވުމުންތޯ ބައެއް މީހުން އަހައިފައިވެއެވެ.

"މި ރޭސްކާރު ދުއްވާނެ ޖާގައެއް ރާއްޖޭގަ ނެތްހިނދު ރޭސްކާރު މަނާ ނުކުރެވޭންވީ ކީއްވެ. މަތީ ފަންތީގެ އާއިލާއެއްގެ މީހަކަށް ކަމެއްވެގެންނޫނީ މަނައެއް ނުކުރާނެ،" ހަލީމަތު ރަހީމާ ކިޔާ މީހަކު ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ރޭސްކާރު މަނާ ކުރުން ނޫން ހައްލެއް މި މައްސަލައަށް ނެތް ކަމަށް ބުނަމުންނެވެ. އެގޮތުން ރާއްޖެއަށް ރޭސްކާރު އެތެރެކުރުމާއި ވިއްކުން މަނާކޮށް، އެފަދަ މޮޑެލްތަކުގެ ކާރު ރެޖިސްޓްރީ ނުކުރެވޭ ގޮތް ހަދަން މިހާރު މާ ލަސްވެސް ވެއްޖެ ކަމަށް އަބްދުﷲ އަބްދުއްރަހީމް ކިޔާ މީހަކު ފޭސްބުކްގައި ބުނެފައިވެއެވެ.

ސެޕްޓެމްބަރު 6، 2024: ސެންޓްރަލް ޕާކު ކައިރީ ހިނގި އެކްސިޑެންޓުގައި ސައިކަލަށް ގެއްލުންވެފައި -- ފޮޓޯ/ ފޭސްބުކް، މައުރޫފް ހުސައިން

އެކްސިޑެންޓުތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ލިބި، ފުރާނަ ގެއްލޭ މީހުންގެ އަދަދުތައް ވެސް އިތުރުވަނީއެވެ. އެއީ ހަމައެކަނި މަގަކަށް ބަދަލު ގެނެސްގެން ނުވަތަ ބަޔަކު ހައްޔަރުކުރުމުން ވެސް މިހާރު ހުއްޓުވެން ނެތް ކަމެއްކަން ހާމަވެއެވެ.

https://sun.mv/196390

މިދިޔަ ޖުލައި މަހުގެ 31ގައި ވިނަރެސް ފްލެޓުތައް ކަައިރީ މީހަކު ސައިކަލު މަތީގައި އިންދައި، ކޮންޓްރޯލުން ނެއްޓުނު ރޭސް ކާރެއް ގޮސް އެ މީހާގެ ގައިގައި ޖެހި ވިއްސައިގެން ދިޔަ ހާދިސާއިން އެކަން ހާމަވެއެވެ. ބުދަ ދުވަހުގެ ރޭ މާލޭގައި ކާރަކާއި ސައިކަލެއް ޖެހި، 21 އަހަރުގެ ޒުވާނަކު ވެންޓިލޭޓަރުގައި އޮންނަން ޖެހުމުން ފިޔަވަޅު އެޅުން އަވަސްކުރަން ޖެހޭކަން އެނގެއެވެ.

މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ އަހަރު ނެރުނު 'ގްލޯބަލް ސްޓޭޓަސް ރިޕޯޓް އޮން ރޯޑް ސޭފްޓީ'އިން ދައްކާ ގޮތުގައި އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން މަގުތައް ރައްކާތެރިކުރުމަށް ފާއިތުވި އަހަރުތަކުގައި ކުރި މަސައްކަތްތަކުން ކޮންމެވެސް މިންވަރެއްގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން 2010 ވަނަ އަހަރާ އަޅައިބަލާއިރު، މަގުމަތީ އެކްސިޑެންޓުތަކުގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރާ ހަމައަށް ފަސް ޕަސެންޓު ދަށްވެފައެވެ.

އެހެން ނަމަވެސް އުޅަނދުތަކުގެ އަދަދު އިތުރުވަމުން އަންނައިރު، ޓްރެފިކް އެކްސިޑެންޓުތަކުގައި އަނިޔާވުމާއި މަރުވުން މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ. އެކަމަށް ޓަކައި ސިޔާސީ ފަރާތްތަކުގެ އިސްނެގުން މުހިންމުކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ރާއްޖޭގައި މަގުމަތީގެ ގަވައިދުތަކާއި ޚިލާފަށް ބާރަށް ދުއްވާ އުޅަނދުތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ދެނީ ޖޫރިމަނާގެ އަދަބުތަކެވެ. އެގޮތުން ކަނޑައެޅިފައިވާ ދުވެއްޔަށް ވުރެ ބާރަށް ދުއްވުމުން ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކޮށް، ދެވަނަ ފަހަރަށް 750އިން ޖޫރިމަނާކޮށް 48 ގަޑިއިރަށް ލައިސަންސް ހިފަހައްޓައެވެ.

https://sun.mv/185452

އެއަށްފަހު ގަވައިދާ ޚިލާފަށް ބާރަށް ދުއްވާ ކޮންމެ ފަހަރަކަށް 1،000 ރުފިޔާއިން ޖޫރިމަނާކޮށް، އުޅަނދު 15 ދުވަހަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެއެވެ.

މީގެ އިތުރުން ބާރަށް ދުއްވައިގެން ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެ ނަމަ އިސްލާމީ ޝަރީއަތުން ކަނޑައަޅާ އަދަބު ލިބެއެވެ. އަދި 10 އަހަރު ދުވަހަށް ލައިސަންސް ވެސް ހިފެހެއްޓެއެވެ.

އެ އަދަބުތަކުން ބާރު ސްޕީޑުގައި ދުއްވުން ނުހުއްޓުވި، ހަމަ އެއް ބަޔަކު އެއް މައްސަލައެއްގައި ތަކުރާރުކޮށް ޖޫރިމަނާ ކުރަން ވެސް ޖެހެނީއެވެ. އެހެންވުމުން، އަހަރުތަކެއް ވެފައިވާ ގާނޫނާއި ގަވައިދުތައް ޒަމާނީކޮށް، ހަރުކަށި ކޮށްގެން ނަމަވެސް މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ފަށަން ވެއްޖެއެވެ.

comment ކޮމެންޓް