ހުޅުމާލޭ އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ

ފުލުހުންގެ ލައިން ދަމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފުތާ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާރަށް ދުއްވާފައިދިޔަ ކާރަކުން ތިން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެކަކު ރޭ ނިޔާވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭޑީކޭއިން ބުނީ އެ މީހާ ނިޔާވީ ރޭ ދަންވަރު 2:06 ގައި ކަމަށެވެ.

މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ އިރު، މީގެ ތެރެއިން ދެ މީހަކަށް ވަނީ ބޮޑަށް އަނިޔާވެފައެވެ. ދެން އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ދުއްވާފައި ދިޔަ ސައިކަލުތަކުގައި ޖެހިގެން ކަމަށް މަންޒަރު ދުށް މީހަކު ވަނީ 'ސަން'އަށް މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓްތައް ހިނގުމަކީ މި ފަހުން މާލެ ސަރަހައްދުގައި ވަރަށް އާއްމު ކަމެކެވެ. އިއްޔެ އެކަނި ވެސް ނުރައްކާތެރި ދެ އެކްސިޑެންޓެއް ހުޅުމާލޭގައި ހިނގިއެވެ.

comment ކޮމެންޓް