ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި

ރޭ ދަންވަރު ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގާދިޔަ އެކްސިޑެންޓުގައި އަނިޔާ ލިބުނު ޒުވާނާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

މި އެކްސިޑެންޓާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ ދަންވަރު 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން ސައިކަލު ދުއްވަންއިން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަނިޔާވި ޒުވާނާއާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ އެކްސިޑެންޓްވެގެން ގެނައި ޕޭޝަންޓް، އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަށާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފަވެއެވެ. އަދި ސައިކަލް ދުއްވަން އިން ޒުވާނާއަށް ބޮޑެތި އަނިޔާތަކެއްވެ މަގުމަތީގައި ލޭތައް އޮތް މަންޒަރުވެސް ފެނެއެވެ.

comment ކޮމެންޓް