ފުލުހުން ސްޓިކާ ޖަހަން ތިއްބާ މަރަކަށް ފަހު މަރެއް!

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެއްޓިފައި --- ފޮޓޯ: އެކްސިޑެންޓް އެމްވީ

ލޯބިވާ ފިރިމީހާއާއެކު ފިނި ބުރެއް ޖަހާލަން ނުކުމެ އުޅެނިކޮށް ނުގަވައިދުން ދުއްވާފައި އައި ކާރުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީއެވެ. ފިރިމީހާގެ ބޮލަށާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ލިބުނު ސީރިއަސް އަނިޔާތަކުގެ ސަބަބުން ވަގުތުން އެންމެ ހާލު ބޮޑު މީހުންނަށް ދޭ ފަރުވާ ދޭން ފެށީއެވެ. ހަށިގަނޑަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް އަނބިމީހާއަށް ލިބުނު ނަފްސާނީ ގެއްލުން ވަރަށް ބޮޑެވެ. އެ ގެއްލުން އަދި އިތުރަށް ބޮޑުވީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކުގެ ސަބަބުން ފިރިމީހާ ދުނިޔެ ދޫކޮށް ދިއުމުންނެވެ.

އެއީ އެއްވެސް ކުށެއް ނެތި ދެމަފިރިއެއްގެ ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔަ ގޮތެވެ. ފޮނިބޮޑު ދުވެލިން، ތިމާ ނޫން އެހެން މީހަކު ނެތް ކަމަށް ހީކޮށް، ހިތުހުރި ގޮތަކަށް ދުއްވަމުން އައި މީހެއްގެ ސަބަބުން ލޯބިވާ ދެމަފިރިން އަބަދުގެ އަބަދަށް ވަކިވާން ޖެހުނީއެވެ.

https://sun.mv/185445

މިފަދަ އެންމެ ކަމެއް، ނުވަތަ ދެ ކަމެއް ނޫނެވެ. އެކްސިޑެންޓްތައް އިތުރުވެފައި މިވަނީ ހަގީގަތުގައި ވެސް މަގުމައްޗަށް ނުކުންނަން ބިރު ގަންނަ ހިސާބަށެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް އެކަނި ބަލާލި ނަމަވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ދެ ޒުވާނަކު އެ ދަނީ ވެންޓިލޭޓަރުގައި މަރާ ހަނގުރާމަ ކުރަމުންނެވެ. މިދިޔަ ހޯމަ ދުވަހު އެކްސިޑެންޓެއްގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލުނުއިރު ހަމަ އެ ދުވަހު އެކަނި ވެސް ނުރައްކާތެރި ދެ އެކްސިޑެންޓެއް ހުޅުމާލޭގައި ހިނގައި ދެ މީހެއްގެ ފައި ބިނދުނެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް މަދެވެ.

މިއީ ހަގީގަތުގައި ކުޑަ މައްސަލައެއް ނޫނެވެ. ވަރަށް ވެސް ބޮޑު މައްސަލައެކެވެ. އެކްސިޑެންޓްތަކުގައި އަނިޔާ ލިބެނީ ނުވަތަ ފުރާނަ ގެއްލެނީ ހަމައެކަނި ނުގަވައިދުން އުޅޭ މީހާ ނުވަތަ މީހުންނަށް އެކަންޏެއް ނޫނެވެ. އެފަދަ މީހުން ގާނޫނު މުގުރައި ކުރާ އަމަލުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އަދި މިފަދަ އެކްސިޑެންޓްތަކުގައި މުޅި އުމުރަށް ނުކުޅެދުންތެރިކަމުގައި އުޅެން ޖެހޭފަދަ އަނިޔާތައް ކުށެއް ނެތް އެތައް ބަޔަކަށް ލިބިފައިވެސް ވެއެވެ.

ހުޅުމާލޭގައި އެކްސިޑެންޓެއް ވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މުއައްސަސާއަށް ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އެކްސިޑެންޓްތަކުގެ މައްސަލައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 2048 އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރު ހުށަހެޅުނު އެފަދަ 1616 މައްސަލައަށް ވުރެން 432 މައްސަލަ އިތުރު އަދަދެކެވެ. ދެހާސް އެކާވީސް ވަނަ އަހަރު ހުށަހަޅާފައިވަނީ އެފަދަ 1564 މައްސަލައެވެ. އެހެން ކަމުން އަހަރަށް ވުރެން އަހަރެއް މިދަނީ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އޭގެ ސަބަބުން މީހުންގެ ފުރާނަ ގެއްލުމާއި ލިބޭ އަނިޔާތަކާއި އެހެނިހެން ގެއްލުންތައް ވެސް ދަނީ އަހަރަށް ވުރެން އަހަރެއް އިތުރުވަމުންނެވެ.

މިހާ ސީރިއަސް މައްސަލައަކަށް މިކަން ވާއިރު މިކަން ހުއްޓުވަން އެހާ ފޯރީގައި ފުލުހުން އުޅޭ މަންޒަރެއް ނުފެނެއެވެ. ހަމަގައިމުވެސް ސްޓިކާ ޖަހަން ހުންނަ ފޯރިއެއް މިކަން ހުއްޓުވާކަށް ނުހުރެއެވެ. ނުގަވައިދުން މީހަކު އުޅަނދެއް ޕާކްކޮށްފައި ކުޑައިރުކޮޅަކަށް ދިޔަޔަސް އަންނައިރު އޮންނަނީ ސްޓިކާ ޖަހައިފައެވެ. ފުލުހުން އަންނަ ގޮތެއް އަންނަ އިރެއް ނޭނގެއެވެ. އެހާ އަވަހަށް އެޓެންޑްވެ ބޮޑު ޖޫރިމަނާއެއް ކޮށްލައެވެ. ނަމަވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާގޮތަށް ފޮނިބޮޑު ދުވެލީގައި ދުއްވައި އެ ނަގަނީއެވެ. މިނިވަންކަން މަތީއެވެ. އެކަން ހުއްޓުވަން ފޯރީގައި ފުލުހުން އުޅޭތަނެއް ނުފެނެއެވެ. އުޅޭނަމަ ގައިމުވެސް މިހާ އެކްސިޑެންޓް ގިނައެއް ނުވާނެއެވެ. ހައިވޭގެ އިތުރުން ހަނި ގޯޅިތަކުގައި ވެސް ބާރު ސްޕީޑުގައި ދުއްވައި އެ ނަގަނީ މީހުން ފިއްކަނޑައިގެން ދާ މިންވަރަށެވެ.

"ހުޅުމާލޭގަތާ މި ފަހުން އެންމެ އެކްސިޑެންޓް ހިނގަނީ. އެ ކޮޅަށް ދާން ވަރަށް ބިރުން ހުރެފައި ރޭ ދިޔައިން. އަޅުގަނޑު ހީކުރީ ޗެކް ޕޮއިންޓްތައް ވަރަށް ގިނަ ވާނެ ކަމަށް. ފުލުހުން ވަރަށް ބޮޑަށް ބަލާނެ ކަމަށް. އެކަމަކު އަޅުގަނޑު މުޅި ހުޅުމާލޭގަ ކަހަލަ ގޮތަކަށް ގަޑިއެއްހާއިރު ދުއްވިން. ދެވަނަ ފޭސްއިން ފެނުނު އެކްސިޑެންޓެއް ހިނގައިގެން ފުލުހުން އެ ތާ ތިއްބާ، ނޫނީ ފުލުހަކު ނުދެކެން،" 29 އަހަރުގެ ޒުވާނަކު އޭނާއަށް ރޭ ފެނުނު މަންޒަރު ކަޔައިދިނެވެ.

"މިފަހުން އެހާ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު ރޭ ވެސް ހަމަ އެ ގޮތަށް ބާރަށް ދުއްވާ މީހުން ދުށިން. އެ މީހުން ހުއްޓުވަން ފުލުހުން އުޅޭތަނެއް ނުދެކެން ހަމަގައިމު ވެސް އަޅުގަނޑަކު."

ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓް / ސަން ފޮޓޯ

މަރަކަށް ފަހު މީހެއްގެ މަރެއް ފެންނާތީ، ފުލުހުން އެކްސިޑެންޓްތައް ހުއްޓުވަން އަޅާފިޔަވަޅަކާ ގުޅޭގޮތުން ރޭ ފުލުހުންގެ މީޑިއާއާ ސުވާލު ކޮށްލީމެވެ. އެ ބޭފުޅުން އެދުނީ ޓްރެފިކް ޕޮލިހުންގެ އިންޓަވިއޫއަކަށް ރަސްމީކޮށް އެދުމަށެވެ. މިހާރު ވާނީ އެކަން ވެސް ކޮށްފައެވެ. މި ރިޕޯޓް ލިޔުމާ ހަމައަށް އެ ކޮމެންޓެއް އަދި ނުލިބެއެވެ.

ޖޫރިމަނާ ނުކޮށް ލާން ވީ ޖަލަށް

ގަވައިދާ ހިލާފަށް ދުއްވާ މީހުންނަށާއި ޓްރެފިކް އުސޫލާ ހިލާފުވާ މީހުންނަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުން އަދަބުތަކެއް ކަނޑައަޅާފައިވެއެވެ. މި ފަހުން އަދަބުތައް ވަނީ ބޮޑު ވެސް ކޮށްފައެވެ. އެގޮތުން ކަނޑައެޅިފައިވާ ދުވެއްޔަށް ވުރެން ބާރަށް އުޅަނދު ދުއްވައިފިނަމަ ފުރަތަމަ ފަހަރަށްނަމަ 500 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވާން ގާނޫނުން ލާޒިމް ކުރެއެވެ. ދެވަނަ ފަހަރަށް ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. އަދި 48 ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓެއެވެ. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެ ފަރާތެއް ދުއްވި އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެއެވެ.

މީގެ އިތުރުން ބާރަށް ދުއްވައިގެން ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނައަށް ގެއްލުން ލިބިއްޖެ ނަމަ އިސްލާމީ ޝަރީއަތުން ކަނޑައަޅާ އަދަބު ލިބެއެވެ. އަދި 10 އަހަރު ދުވަހަށް ލައިސަންސް ވެސް ހިފެހެއްޓެއެވެ.

މި އަދަބުތައް ކަނޑައަޅާފައި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭތާ ދުވަހަކަށް ވުރެން ދުވަހެއް ހާލަތު ގޯސްވެ، ނުރައްކާ މިވަނީ އިތުރުވާން ފަށައިފައެވެ. އެހެންކަމުން މިހާރަށް ވުރެން އަދަބު ދިނުމުގައި ހަރުކަށިވާން މިވަނީ ޖެހިފައެވެ.

ޑިސެމްބަރު، 20، 2019: މާލޭ ކޮޅުން ބުރިޖު ލައިޓް ކައިރިން ހިނގި ދަންވަރު ހިނގި އެކްސިޑެންޓް: -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިކަމާ ވާހަކަ ދައްކާލުމުން ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު ކުރެއްވީ ސުވާލުތަކެކެވެ. އެއީ ނުގަވައިދުން ދުއްވާ މީހުން ނުހުއްޓިގެން އުޅެނީ ޖޫރިމަނާ ނުކުރާތީތޯ؟ ނުވަތަ އެހެން އަދަބުތަކެއް ދެވޭ ޖިނާއީ ދައުވާތައް ނުކުރާތީތޯ އެވެ؟ އެ ސުވާލުތަކަށް އޭނާގެ ޖަވާބަކީ މިފަދަ ކަންކަން ނުހުއްޓުވިގެން އުޅެނީ ޖަލު އަބަދު ނުދެވޭތީ ކަމެވެ.

"މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވުމަކީ އާދައިގެ ކަމެއް ނޫން. އާދައިގެ ކުށެއް ނޫން އެ ކުރަނީއެއް. މިކަން ހުއްޓުވޭނެ ޖަލު އަދަބު ދީގެން. އަދި އެގޮތަށް ޖަލު އަދަބު ދޭ ގައުމުތައް ވެސް އެބަހުރި. މިއީ ރާއްޖޭގައި ވެސް ކުރަން ޖެހިފައިވާ ކަމެއް،" އެ ވަކީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޓްރެފިކް މައްސަލަތަކަށް ސަރުކާރުތަކުން ދޭން ޖެހޭ ސަމާލު ކަމެއް ނުދެއެވެ. އެހެން ކަމުން ގާނޫނު ބަދަލުކޮށްގެން ވެސް ޖަލު އަދަބު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިތަންމެ ބާރު އަތްވެއް ދިން ކަމުގައި ވިޔަސް ސްޓިކާ ޖަހަން ނުކުމެ އުޅެން ފުލުހުން ވަރަށް ލޯބިކުރެއެވެ. އަދި ބޮޑެތި ލޮރީތައް ކައިރިކޮށްފައި އެހެރަ ބަރު ސައިކަލްތައް އުފުލައިގެން ގެންގޮސް ޓޯ ކުރަން ވެސް ވަރަށް ފޯރި ހުރެއެވެ. އެ ފޯރި އެކްސިޑެންޓްތައް ހުއްޓުވުމަށް ވެސް ހުންނަން އެބަޖެހެއެވެ. އެހެން ނުވާތީ ނަތީޖާ ވަރަށް ވެސް ގޯހެވެ. ފުލުހުން ސްޓިކާ ޖަހަން ތިއްބައި ފަހަރަކު މީހެއްގެ ފުރާނަ ގެއްލިގެން ދަނީއެވެ.

comment ކޮމެންޓް