Ooredoo
Ooredoo

އެތައް އަހަރެއް ފަހުން ޝާނީގެ މި ލަވަތައް ޓްރެންޑަކަށް؛ ޒުވާނުން ބަލައިގެންފި

ލަންކާގައި ލަވަތައް ޝޫޓްކުރުމުގައި ޝާނީ، އޭނާގެ ޓީމާއެކު --

"ބަލަމޭ ނިކަން. ހެވިފާ ނިކަން. ހުރެ ކިޔާދޭން މަ ހިތުލާ މިކަން. ހުރެފާ ހިތޭ. ތޮރުފާލަނީ. ހަމަ ތިބާ ލޮލުގެ ވިހަ ތީރަކުން," ޓިކްޓޮކަށް ވަދެލާ ކޮންމެ ފަހަރަކު ފީޑަށް އަންނަނީ އެ ލަވައަށް ކުޅެފައިވާ ކޮންމެ ވެސް ވީޑިއޯއެކެވެ.

ADK GENERAl

އަނެއްކާ ވެސް ސްކްރޯލްކޮށްލާ އިރަށް އަންނަނީ "އޭ ހިތާ އާދޭ. ލޯބިން ނިކަން އާދޭ. އުންމީދަކީ ތިއީއޭ. ބޭނުންވަނީ ކަލާއޭ،" މި ލަވައިގެ އަޑެވެ.

މިއީ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާމިނަތު ޝާނީއާއި ސްރީ ލަންކާގެ މަޝްހޫރު މިއުޒިޝަނެއް ކަމަށްވާ އިރާޖް ވީރަރަތްނެގެ ކޮލަބޮރޭޝަން މާސްޓާޕީސް އެކެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ރިލީޒްކުރި އަލްބަމަކަށް ނިސްބަތްވާ ކުރީގެ ދެ ލަވައެކެވެ.

ކުރީގެ ދެ ލަވަ ނަމަވެސް މިހާރުގެ ޓިކްޓޮކް ޓްރެންޑެކެވެ.

ޓިކްޓޮކް ވީޑިއޯ ޕޯސްޓުކުރާ މީހެއް ނަމަ އެ ލަވަތަކަށް ވީޑިއޯއެއް ނުހަދައި ދޫކޮށްލާ މީހަކު ވަރަށް މަދެވެ. ވަކި ޖިންސެއް ނެތެވެ. އަންހެނެއް ކަމަކު ނުވަތަ ފިރިހެނެއް ކަމަކު މި ޓްރެންޑް ފޮލޯ ކުރެއެވެ. ޓިކްޓޮކް ލައިވްތަކުގެ ބެކް މިއުޒިކްގެ ގޮތުގައި ވެސް އިވެނީ ހަމަ މި ދެ ލަވައެވެ. ކުރުކޮށް ބުނާ ނަމަ މިހާރު ޒުވާން ކުދިންގެ ހިތްތަކުގައި ނަށަނަށާ ހުރި ރާގެކެވެ.

"އައި ޑިޑިންޓް އެކްސްޕެކްޓް ދިސް އެޓް އޯލް. އަލްބަމް ރިލީޒްކުރިތާ މިހާރު ވެދާނެ 15 ވަރަކަށް އަހަރު. އަލްބަމް ރިލީޒްކުރިއިރު ފޭސްބުކް އެކަނި އިންނާނި. [މިހާރު ގޮތަށް] ނޯ އޮންލައިން ޕްލެޓްފޯމްސް. އިޓް ވޯޒް އީވަން ރިލީޒްޑް އިން އަ ސީޑީ. ދެން އިމޭޖިން. އެއީ ވަރަށް ކުރިތާ," އެތައް އަހަރެއް ފަހުން ދެ ލަވަ ވެސް ވައިރަލްވުމާ އެކު ޝާނީ ވަނީ އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލައިފައެވެ.

ޝާނީ، ލަވަ ރިކޯޑުކުރުމުގައި އުޅެމުން ނަގާފައިވާ ސެލްފީއެއް --

ޝާނީގެ ލަވަތައް ވައިރަލްވެ، ލަންކާގެ ޓިކްޓޮކާސް ވެސް ދަނީ އެ ލަވަތައް ބޭނުންކޮށް، ވީޑިއޯތައް ޕޯސްޓުކުރަމުންނެވެ. ޚާއްސަކޮށް ލަންކާގެ ޑީޖޭތަކުގައި ”އޭ ހިތާ“ ވަރަށް ހިޓެވެ. އެކަމާ ހުރެ ދަންނަ އެތައް ބަޔަކު މެސެޖުކުރި ނަމަވެސް މާ ބޮޑު ފަރުވާލެއް ފުރަތަމަ އޭނާ ނުބެހެއްޓިއެވެ. ޓިކްޓޮކަށް އެހެން ވަދެލާނީ ވެސް މަހަކު ދެ ފަހަރު ކަހަލަ ގޮތަކަށެވެ.

"މީގެ ވީކެއް ވަރު ކުރިން ރައްޓެހިންނާއި ދަންނަ މީހުން ބުނޭ ވަރަށް އެބައުޅެއޭ ޓިކްޓޮކްގައި ވެސް [ލަވަތައް ވައިރަލްވެގެން]. އެކަމު މާކަ އަޅައެއް ނުލަން," ޝާނީ ބުންޏެވެ.

މާޒީގެ ތެރެއިން ދެ ލަވައިގެ ޝޫޓިން ތެރެއަށް

"ހަނދާން ވަނީ 2006 އެކޭ އެންމެ ފުރަތަމަ އޭރު 18 އަހަރުވާނީ. މި ވާގޮތަކީ އިއްސޭ ކިޔާ މީއުޒީޝަނެއް، އޭރު އޭނާ ރިލީޒްކުރާނެ އަލްބަމް. އެކި މީހުން ލައިގެން ހަދާނީ. ދެން އޭނާ ބުނީ މި ލަވަ ކިޔައިލަދީބަލާށޯ ތިމަންނަ ނެރެން އުޅޭ އަލްބަމަށް. ލަންކާ ލަވައެކޯ މިއީ. ނުވަސް އެނގޭ މި ލަވައެއް. ދެން އެއީ ކަވާއެއް. އެ ކިޔާފައި އޭނާގެ އަލްބަމަށް މި އިންނަނީ އެ ލާފައި. ދެން އެއީ އިރާޖުގެ ލަވައެއް. އޭރު ނުވެސް އެނގޭ އެއީ ކާކު ކަމެއް," ޝާނީ އޭނާއަށް އެ ކޮލަބޮރޭޝަން ލިބެން މެދުވެރިވި ގޮތް ކިޔައިދިނެވެ.

އޭރު މާލޭގައި މަސައްކަތްކުރާ ލަންކާގެ ގާތް ރައްޓެއްސަކު ވަނީ ޝާނީގެ އެ ލަވަ އިރާޖަށް ފޮނުވައިފައެވެ. އެއާއެކު ކޮންމެ ވެސް ގޮތަކަށް ނަންބަރު ހޯދައިގެން ޝާނީއަށް އިރާޖް ގުޅައި އެކުގައި މަސައްކަތްކުރުމަށް ފުރުސަތެއް ދިނެވެ. ޝާނީ ބުނި ގޮތުގައި އޭނާ ހުރީ ވަރަށް ސަޕްރައިޒް ވެސް ވެފައެވެ. ޚާއްސަކޮށް ބޭރުގެ މިއުޒިޝަނަކާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އުފަލުން ފޮޅިފައެވެ.

"ދެން ވާހަކަދައްކާފައި އޭނާ ބުނީ ތިމަންނަ ފޮނުވާނަމޯ ޓްރެކެއް. ދެން ތިމަންނަމެން އެއަށް ރެޕްކޮށްލާނަމޯ އެކޮޅުން. ދެން ޝާނީ ޝާނީގެ ޕާޓް ލިޔާށޭ ބުނީ. ބުނީ މިކޮޅުން ރިކޯޑުކޮށްލާފައި ފޮނުވާލާށޯ. ބުނީ އޭރުން އެޑްކޮށްލާފައި ރިލީޒްކޮށްލާނީއޭ. ރިކޯޑުކޮށްފައި ފޮނުވީމާ އޭތި އޭނާ ރިލީޒްކޮށްފި," ޝާނީ ބުންޏެވެ.

އެ ލަވައަށް ފަހު ދެން ޝާނީއަށް ލިބުނު ފުރުސަތަކީ އިރާޖާ އެކު އަލްބަމެއްގެ މަސައްކަތެވެ.

އެގޮތުން 'އޭ ހިތާ' ލަވައަކީ އެގޮތަށް ކުރި އަލްބަމްގެ ފުރަތަމަ ރިކޯޑު ކަމަށް ޝާނީ ބުންޏެވެ. ހަމައެއާ އެކު އެ އަލްބަމްގެ މަސައްކަތަށް އޭނާއަށް ލަންކާއަށް ދާން ލިބުނު ދައުވަތަކަށް ވަގުތުން ފުރައިގެން ދިޔައެވެ.

"ދެން ކޮންމެ ވެސް ރައްޓެއްސެއް އަތުން ބޮރޯކޮށްގެން ޓިކެޓް ނަގައިގެން ދިޔައީ. ދެން ވަރަށް އާ ކަމެއް ދޯ މިވީ. ރާއްޖޭގައި އޭރު ސްޓޫޑިއޯސްއޭ ކިޔާފައި މިހުންނަނީ ހޯމް ސްޓޫޑިއޯސް. ރާއްޖެއަކީ މިއުޒިކަލީ އެހާ ކުރިއަރާފައި އޮތް ތަނެއް ނޫން. ދެން އައިއިރު ބޮޑު ސްޓޫޑިއޯއަކަށް މި ވަދެވެނީ. ވަންތަނާ އިއްވާލީ ”އޭ ހިތާ“ގެ ޓްރެކް ފުރަތަމަ ވެސް. ދެން ބުނީ ލިޔާށޯ ލިރިކްސްއެއް," ޝާނީ އެ ދުވަސް ކިޔައިދިނެވެ.

"ދެން އެންމެ ލިރިކްސްއެއް ކަންނޭނގެ ލިޔުނީ ތަންކޮޅެއް ކުރީގައި ވެސް. އެހާ ފެމިލިއާއެއް ނޫން. ދެން ވަގުތުން ކަރުދާސްގަނޑަކާއި ފަންސޫރެއް ނަގައިގެން އެތާ ލިޔުނީ 'އޭ ހިތާ'. ބޮލަށް އައި އެއްޗެހިތަކެއް ލިޔެލީ," ހިނި އައިސްފައި ޝާނީ ބުންޏެވެ.

ޝާނީ އެ ދަތުރު ދިޔައީ އޭނާގެ ފުރަތަމަ ދަރިފުޅަށް ދެ އަހަރުގައެވެ. އެހެންކަމުން ލަންކާގައި މާ ދުވަހު ހުރެވެން ނެތުމާ އެކު އޭނާ ވަނީ ގާތްގަނޑަކަށް ދެ ހަފުތާ ހުރުމަށް ފަހު އަނބުރާ ރާއްޖެ އައިސްފައެވެ. ތިން ވަރަކަށް ލަވަ ރިކޯޑުކުރުމަށް ފަހު ދެ މަސް ފަހުން ބާކީ ހުރި ލަވަތައް ރިކޯޑު ކުރުމަށް ޝާނީ އަނެއްކާ ވެސް ލަންކާއަށް ދިޔައެވެ. އެއަށް ފަހު 'އޭ ހިތާ'ގެ ވީޑިއޯ ލަވަ ރިލީޒްކޮށް ދެވަރަކަށް އަހަރު ފަހުން އަނެއްކާ ލަންކާގެ ދެހިވަލަ ބީޗުގަ 'ބަލަމޭ ނިކަން' ވަނީ ޝޫޓުކޮށްފައެވެ.

"ދެން އޭރު ވަރަށް ސޭލްސް ވެސް ރަނގަޅު. ލަންކާ ކޮޅުގައި އޭރު ސުޕަ ހިޓަކަށް ވި 'އޭ ހިތާ'. ދެން އިރާޖަކީ އެންމެން ވެސް ދަންނަ މިއުޒީޝަނެއް އޭރު ވެސް މިހާރު ވެސް. މިއުޒިކް ޕްރޮޑިއުސަރެއް، ސޯންގް ރައިޓާއެއް، ސިންގާއެއް، ހީ އިޒް އަ ވެރީ ގުޑް މިއުޒިޝަން," ޝާނީ ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް އެ އަލްބަމްގެ މަސައްކަތްކުރުމަށް ޝާނީ ވަނީ ވަރަށް ބުރަ މަސައްކަތެއް ކޮށްފައެވެ. އޭގެ ނަތީޖާއާ ދޭތެރޭ ވެސް މިއަދު އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

އޭރު ނުލިބުނު މަގުބޫލުކަމެއް މިހާރު ލިބުނީ ކީއްވެ؟

ޝާނީ ބުނި ގޮތުގައި މިހާރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް އޮންނަ ގޮތަށް އޭރު އޮތް ނަމަ އެ އަލްބަމްގެ ލަވަތައް އެއަށްވުރެ ބޮޑަށް ހިނގީހެވެ. އޭރުގައި ދިވެހި 'ހިޕް ހޮޕް'އެއް ނެތެވެ. މުޅިން އަލަށް އެ ޖޯންރާގެ ލަވަތަކެއް ޝާނީ ހެދިއިރު، ދިވެހީންނަށް ވީ މުޅިން ތަފާތު ކަމަކަށެވެ.

ގިނަ ޒުވާނުން ދެކޭ ގޮތުގައި ޝާނީގެ އެ ލަވަތަކަކީ މި ޒަމާނަށް ވެސް 'ފިޓް' ލަވަތަކެކެވެ.

ލަންކާގައި ލަވަތައް ޝޫޓްކުރުމުގައި ޝާނީ، އޭނާގެ ޓީމާއެކު --

"އޭރު ވެސް އައި ނޯ [އެނގޭ] މިއީ ވަރަށް ރަނގަޅު ޕްރޮޑަކްޝަނެއްކަން. ދިސް ވޯޒް މިކްސްޑްއިން ސްރީލަންކާ އެންޑް މާސްޓާ ކޮށްފައި އިންނާނީ ސިންގަޕޫރުގައި. ކޮލިޓީއަށް ބަލާނަމަ އިޓްސް ވެރީ ގުޑް [ވަރަށް ރަނގަޅު]. ކޮމްޕޮޒިޝަން، ލިރިކްސް ވަރަށް ކެޗީ," ޝާނީ ބުންޏެވެ.

އޭރު ނުލިބުނު މަގުބޫލުކަމެއް މިއަދު ލިބުނީ ކީއްވެތޯ ސުވާލުކުރުމުން ޝާނީ ބުނީ "އަސްލު ޖަޖްކުރާކަށް ވެސް ނުވާނެ" ކަމަށެވެ. މިހާރުގެ ސްޓްރީމިން ޕްލެޓްފޯމްތައް ހުރުމުގެ ސަބަބުން އެ ލަވަތަކަށް މާ ބޮޑު ސަމާލުކަމެއް ލިބުނީ ކަމަށް އޭނާ ދެކެއެވެ. ވަކިން ޚާއްސަކޮށް އަދުގެ ޒުވާނުންނަށް އެ ލަވަތައް ކަމުދިޔުން އެއީ، ލަވަތައް މިހާރު އެހާ މަގުބޫލުވާން މެދުވެރިވި ސަބަބެއް ކަމަށް ޝާނީ ގަބޫލުކުރެއެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ލިބުނު ކުރިއެރުމެކެވެ. އޭނާއަށް ވަރަށް ޚާއްސަ ކަމެއް ވެސްމެއެވެ.

އުފާވެރިކަމުގެ ޝުއޫރުތަކާ އެކު އޭނާ ދެން ބުނީ މާ އުފާވެރި ޚަބަރެއްގެ ވާހަކައެކެވެ.

"މިހާރު ވެސް އައި އޭމް ނޮޓް އަވޭ ފްރޮމް މިއުޒިކް [މި ހުރީ މިއުޒިކާ ދުރުގައެއް ނޫން]. ދެން އައި ތިންކް އައި ނީޑް ޓު ޑޫ އިޓް މޯ ކަންނޭނގެ އަސްލު [އެކަން ކުރާލެއް ވީ ގިނަ ކަންނޭނގެ ކުރަން]. އޭރުން ކަންނޭނގެ ޔަންގާ ޖެނެރޭޝަނާ ކަނެކްޓު ވާނީ. ދެން އިރާޖާ އެކު ލަވައެއް ހަދަންވެގެން ވީ އާ ސްޓިލް ވޯކިން އޮން އިޓް. މި ފަހަރު މިހެން ވީމާ ވެސް ވީ ހޭވް ޓު [އެބަޖެހޭ]," ހިނި އައިސްފައި ޝާނީ ބުންޏެވެ.

މިއުޒިކީ ދާއިރާގެ ބޭރުން ޝާނީ ވަނީ ފެޝަން ޑިޒައިންގެ ދާއިރާއަށް ވަނުމަށް އޭނާގެ ފުރަތަމަ ފިޔަވަޅު ނަގައިފައެވެ. އެގޮތުން، ފާއިތުވި ދެ އަހަރު އޭނާ ވަނީ ފެޝަން ޑިޒައިންގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައެވެ.

ޝާނީ، ގޮނޑިއެއްގައި އިށީނދެލައިގެން --

އެންމެ އުފާވަނީ 'ޔަންގް ޖެނަރޭޝަން' ލަވަތައް ބަލައިގަތުމުން

އުމުރުން އެންމެ 18 އަހަރުގައި މިއުޒިކީ ދާއިރާއިން ކުރިއަށް ދާން ޝާނީ މަސައްކަތް ފެށިއިރު، އޭނާ ހިނގަން ޖެހުނީ އެހާ ފަސޭހަ މަގެއްގައެއް ނޫނެވެ. އޭރު ލަވަކިޔަން އެރިޔަސް ވަރަށް ގިނަ މީހުން ގޮވާނި "ފައިބާ، ފައިބާ"ށޭ ކަމަށް ޝާނީ ބުންޏެވެ.

"ހަޑިހަޑިކޮށް ގޮވާނީ. އެއީ އެއް ސަބަބު މިއުޒިކާ ދުރަށް ދިޔަ. ރާއްޖޭގައި ކްރިއޭޓިވް އާޓްސް އެޕްރިޝިއޭޓެއް ނުކުރޭ އަސްލުގައި. އަދިވެސް މިއުޒިކް ފީލްޑް ކުރިއަށް ދާންވާ ވަރަކަށް ނުދޭތާ،" މިއުޒިކާ އޭނާ ދުރަށް ދިޔަ ސަބަބު ހާމަކުރަމުން ޝާނީ ބުންޏެވެ.

"އަންހެނުން އޭރުގައި ލަވަ ކިޔާނީ ހިމަ އަޑަކުން. ހިންދީ ލަވަތައް ހުރެއޭނުން އޭރު. އައި ވޯޒް ނޮޓް ސިންގިން ދެޓް ޖޯންރާއެއްނު. އެކަމާ ވަރަށް ބޮޑަށް ކްރިޓިސައިޒްކުރި މީހުން. ހަމަ އަޑުން ލަވަކިޔާތީ ކޮން އަޑަކުންހޯ މީނަ މި ލަވަކިޔަނީ އެހެން ވެސް ބުނާނެ،" ޝާނީ ބުންޏެވެ.

އެ ހިސާބުން އޭނާގެ ހިތްވަރާއި ކެރުން އެއްކޮށް ދިޔައީއެވެ. އެކަމަކުމ މިހާރު މި ފެންނަނީ އެހެން މަންޒަރެއް ކަމަށާއި، ޒުވާން ކުދިން އޭނާގެ ލަވަތައް އެޕްރިޝިއޭޓްކޮށް، އޭނާގެ މިއުޒިކު ބަލައިގެންފައިވާތީ އެކަމާ މިއަދު ވަރަށް އުފާވާ ކަމަށް ޝާނީ ބުންޏެވެ.

"އައި އޭމް ގެޓިން ޑީއެމްސް އެންޑް ޓެކްސްޓްސް. އިޓްސް ރިއަލީ ޕޮޒިޓިވް. [ވަރަށް ޕޮޒިޓިވް މެސެޖުތައް ލިބޭ] މިހާރު ހިތައް އަރާ މިހާރު އެ ލަވަ ރިލީޒްކުރެވުނު ނަމައޭ. މީގެ ފަސް ވަރަކަށް އަހަރު ކުރިން މި ލަވަ ރިލީޒްކުރި ނަމަ ވެސް މާ ރަނގަޅުވީސް. އައި އޭމް ވެރީ ސަޕްރައިސްޑް. [މި ހުރީ ވަރަށް ހައިރާންވެފައި] އައި ޑިޑިންޓް އެކްސްޕެކްޓެޑް ދިސް،" ޝާނީ ބުންޏެވެ.

ކޮންމެ ގޮތެއް ވިޔަސް މިއަދު ޝާނީގެ ލަވަތައް "ހިޓް"ވެ ޒުވާނުންގެ މެދުގައި އޭނާގެ ލަވަތައް މަގުބޫލުވެއްޖެއެވެ. އެތައް ދުވަހެއްވީ ލަވައެއް ނަމަވެސް މިއަދު ޝާނީގެ މަސައްކަތް ވަނީ ބަލައިގެންފައެވެ.

Redstar
comment ކޮމެންޓް

comment ނަސޭހަތް

2 day 22 hour ago

ތިޔަ ގޮތަށް ނޫޅެ އިސްލާހުވުމަށް ނަސޭހަތްތެރިވަން.

comment ހަމަހަމަ

4 day 13 hour ago

މިދުނިޔޭގައި އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ ﷲ ނަހީކުރެއްވި ކަންތައްތަކާއި ކައިރިނުވެތިބެ. ކާމިޔާބު ލިބޭނީ އޭރުން. އަޅަމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި އަޅަމެންގެ ފާފަ ފުއްސަވައި ރަހްމަތް ލައްވާދޭނވެ. أمين

comment މަންދިއެ

4 day 16 hour ago

ގޭގައޮތްނަމަ އަންހެނަކަށްވެ ހުރެ ތިކާމިޔާބެއް ނުލިބުނީސް. މަރުހަބާ