ނޫސްވެރިން ''މަރަން ޖެހޭ'' ކަމަށް ފޭސްބުކްގައި ލިޔުނު މައްސަލައެއް ފުލުހުން ބަލަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ނޫސްވެރިން ''މަރަން ޖެހޭ'' ކަމަށް ފޭސްބުކްގައި ލިޔުނު މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ނޫސްވެރިން މަރަން ޖެހޭ ކަމަށް ބުނެ، ފޭސްބުކްގައި ޚަބަރަކަށް ކޮމެންޓު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ ފެންމަތިވީ، ޗެނަލް 13ގެ ޚަބަރަކަށް ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ނޫސްވެރިންނަށް މަލާމާތްކޮށް، ނޫސްވެރިންގެ ފުށުން އުނދަގޫވާ ކަމަށާއި ''މި މީހުން މަރަން ޖެހޭ" ކަމަށް ބުނުމުންނެވެ.

އެ ކޮމެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

ނޫސްވެރިންނަށް އިންޒާރު ދިނުމުގެ އިތުރުން ހަމަލާ ދީ، މަރާލުމުގެ މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައް ހިމެނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ގޮސްފައިވާ ކަމަށް، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން މިދިޔަ މެއި މަހު އާންމު ކުރި ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

https://sun.mv/191528

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރުމަށް ފަހު މިދިޔަ އަހަރު ދީފައިވާ ރޭންކަކީ 100 ވަނައެވެ. ނަމަވެސް މި އަހަރު އެ ރޭންކް ވަނީ 52.36 މާކުހާ އެކު 106 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓަށެވެ.

comment ކޮމެންޓް