ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރުމަށް ފަހު މިދިޔަ އަހަރު ދީފައިވާ ރޭންކަކީ 100 ވަނައެވެ. ނަމަވެސް މި އަހަރު އެ ރޭންކް ވަނީ 52.36 މާކުހާ އެކު 106 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ދަށަށް ދިއުމުގެ މައިގަނޑު ސަބަބެއް ގޮތުގައި ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ފާހަގަކޮށްފައިވަނީ މައުލޫމާތު ހޯދާ މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ބިލެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރަން ރާއްޖެއަށް މާސްކް ދީފައިވާ ގޮތްތައް:
- ސިޔާސީ ގޮތުން: ސިޔާސީ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު 53.75 މާސްކް ލިބިފައިވާއިރު، މި އަހަރު ރާއްޖެއަށް ސިޔާސީ ގޮތުން ލިބިފައިވަނީ 43.48 މާކްސްއެވެ. ސިޔާސީ ގޮތުން ރާއްޖެ މި އަހަރު އޮތީ 12 ދަރަޖަ ފަހަތަށް ގޮސް، 109 ވަނައިގައެވެ.
- އިގުތިޞާދީ ގޮތުން: އިގުތިޞާދީ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު 32.84 މާސްކް ލިބިފައިވާއިރު ރާއްޖެ އޮތީ 161 ވަނައިގައެވެ. ނަމަވެސް، މި އަހަރު ރާއްޖެއަށް އިގުތިޞާދީ ގޮތުން ލިބިފައިވަނީ 36.04 މާކްސްއެވެ. އެއާ އެކު މި ގިންތިން ރާއްޖެ ވަނީ 133 ވަނައިގައެވެ.
- ގާނޫނީ ގޮތުން: ގާނޫނީ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު 59.91 މާސްކް ލިބިފައިވާއިރު، މި އަހަރު ރާއްޖެއަށް ގާނޫނީ ގޮތުން ލިބިފައިވަނީ 54.42 މާކްސްއެވެ. ގާނޫނީ ގޮތުން ރާއްޖެ މި އަހަރު އޮތީ 111 ވަނައިގައެވެ.
- އިޖުތިމާއީ ގޮތުން: މި ގިންތިން ރާއްޖެއަށް މި އަހަރު 48.10 ޕޮއިންޓާ އެކު ލިބިފައިވަނީ 131 ވަނައެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު، ހަތް ދަރަޖައިގެ ކުރިއެރުމެކެވެ.
- ސަލާމަތީ ގޮތުން: ސަލާމަތީ ގޮތުން ރާއްޖެއަށް މިދިޔަ އަހަރު 82.48 މާކްސް ލިބިފައިވާއިރު، މި އަހަރު ރާއްޖެއަށް ސަލާމަތީ ގޮތުން ލިބިފައިވަނީ 79.76 މާކްސްއެވެ. ސަލާމަތީ ގޮތުން ރާއްޖެ މި އަހަރު އޮތީ 80 ވަނައިގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އެއީ، ހިތްހަމަޖެހޭ މިންވަރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގެ ލިސްޓެވެ.
އެކަމަކު، މިދިޔަ އަހަރު ރާއްޖެ ވަނީ 100 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން ކޮންމެ ވެސް ވަރަކަށް ދަތިތައް ހުރި ގައުމުތަކުގެ ލިސްޓެވެ. މި އަހަރު އިތުރު ހަ ދަރަޖަ ވެއްޓުމާ އެކު މިހާރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން ދަތި ގައުމުތަކުގެ ލިސްޓުގައެވެ.