ހުޅުމާލޭގެ ހަތަރު ލޭންގެ މައި ބޮޑެތި މަގުތަކުގައި އެއްވެސް ހަމައެއް ނެތި ޕާކުކޮށްފައި ހުންނާތީ އެ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ބޮޑުވެއްޖެއެވެ.
ހުޅުމާލޭގެ މަގުތަކުގައި ޕާކުކުރާ މައްސަލަ މީގެ ކުރިން ވެސް ވަނީ ބޮޑުވެފައެވެ. އެހެންވެ ފަހުން ފުލުހުން ކޯން ޖަހަން ފެށުމާއެކު ކޮންމެ ވެސް މިންވަރަކަށް އެކަން ހައްލުވިއެވެ. ނަމަވެސް އަނެއްކާ ވެސް މިހާރު އެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ ވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން ހައިވޭއާ ގުޅިފައި އޮންނަ ހުޅުމާލޭގެ މައި މަގުކަމަށްވާ ނިރޮޅު މަގުގައި ވެސް މަގުގެ އެއް ފަރާތުގައި އެއް ލޭނު ގެއްލޭހެން ކާރާއި، ސައިކަލު ޕާކުކޮށްފައި ހުރެއެވެ.
މީގެ އިތުރުން ފޭސް ދޭއްގެ ވަށައިގެން އޮންނަ މައި މަގުގައި ވެސް ފަށްފަށްކޮށް، ދެ ތިން ކާރު އެކުގައި ވެސް ޕާކުކޮށްފައި ހުރެއެވެ.
"މިހެން ދެން މި ކާރުތައް ޕާކުކޮށްފައި ހުންނަނީ. ވަރަށް ބޮޑު ދައްޗަކަށް ވެއްޖެ މި ކަން،" ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތަކު ބުންޏެވެ.
ޚާއްސަކޮށް އޮފީހަށް ދާ ވަގުތާއި، ސްކޫލު ކުދިން ދާ ގަޑިއާއި ނިމޭ ވަގުތުތަކުގައި އެ ކަމުގެ ދަތި ބޮޑުވާ ކަމަށް އާންމުން ބުނެއެވެ. އެގޮތުން އެއް ލޭނު ގެއްލޭހެން ޕާކުކޮށްފައި ހުންނާތީ މަގު ތޮއްޖެހި، ދުއްވަން އޮންނަ ޖާގަ ދަތިވާ ކަމަށް އާންމުން ބުނެއެވެ.
މީގެ އިތުރުން ކާރުތައް ޕާކުކޮށްފައި ހުންނަ ނަމަ ގޯޅިއަކުން މައި މަގަށް އަރާ ވެހިކަލް ވެސް ފެންނަން ދަތިވާ ކަމަށާއި، ނުރައްކާތެރި ހާލަތްތަކަށް ވެސް އެ ކަމުގެ ސަބަބުން މަގުފަހިވާނެ ކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ފާޅުކުރެއެވެ.
"މި ފަހުން ނިރޮޅު މަގުގައި ހިނގި އެކްސިޑެންޓުތަކަކީ، އަޅުގަނޑަށް ޔަގީން މިހެންވެ، ދާން އޮންނަ ޖާގަ ހަނިވެ، ނޫނީ އެ ކަހަލަ ކޮންމެވެސް ކަމަކާ ހެދި ވީ ކަމެއް ކަން،" އާންމު ރައްޔިތަކު ބުންޏެވެ.
މީގެ އިތުރުން ރައުންޑް އެބައުޓްތަކާ ގުޅޭ ލޭންތަކުގައި ވެސް ކާރު ޕާކުކޮށްފައި ހުންނައިރު، އޭގެ ތެރޭ ރަސްމީ އިދާރާތަކުގެ ވެހިކަލްތައް ވެސް ހިމެނެއެވެ.
ހުޅުމާލޭގައި ވެސް ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެ، މައި މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކުރަން ފަށައިފައިވާއިރު މާލޭގެ ބާރުބޮޑު މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރާނެކަމުގެ އިންޒާރު ފުލުހުން ދިނީ އިއްޔެއެވެ.
މި ކަން މާލޭގައި ފަށަން ފުލުހުން ނިންމީ، އެކަން މެދުކަނޑައިލައިފައި އޮތްތާ ދުވަސްތަކަކަށްފަހުގައެވެ.