އަތުހަރުގެ އޮޓޮޕްސީ ހެދުމާ ގުޅޭ ގޮތުން ފުލުހުން އާއިލާއާ ބައްދަލުކުރަނީ

އަތުހަރުގެ ހަށިގަނޑު އައިޖީއެމްއެޗުން އެމްބިއުލަންސްގައި ގެންދަނީ: އާއިލާއިން އޮޓޮޕްސީއާ ދެކޮޅު ހަދާތީ ފުލުހުން ވަނި އާއިލާއާ ބައްދަލުކުރަން ނިންމައިފައި -- ސަން ފޮޓޯ

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރުގެ މަރާ ގުޅިގެން އޭނާގެ އޮޓޮޕްސީއެއް ހެދުމާ ގުޅޭ ގޮތުން އޭނާގެ އާއިލާއާ ބައްދަލުކުރަން ފުލުހުން ނިންމައިފިއެވެ.

ރޭ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ އަތުހަރު މިއަދު 16:08ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންވެ، އެ މައްސަލަ ބަލައި، އަތުހަރު މަރުވި ސަބަބު ހޯދަން އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް އާއިލާއިން ވަނީ އޭނާ ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށާއި ދަންޖެހުނު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލާން ކަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އާއިލާއިން އެގޮތަށް ބުނުމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޝިފާން "ސަން"އަށް ވިދާޅުވީ، އޮޓޮޕްސީ ހެދުމާ ގުޅޭ ގޮތުން މިރޭ 9:00ގައި އަތުހަރުގެ އާއިލާއާ ބައްދަލުކޮށް، ގޮތް ނިންމާނެ ކަމަށެވެ.

އަތުހަރު ހައްޔަރުކުރީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކޮށްގެން ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފެހެއްޓީ މުގުރުން އޭނާގެ ބޮލުގައި ޖެހުމަށް ފަހުގައެވެ. އެއަށްފަހު އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭނާއަށް ފުރަތަމަ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގައި ވެސް ފަރުވާދިނެވެ.

އެ ފަރުވާއަށް ފަހު އޭނާ ދޫކޮށްލުމުން އަލުން ހައްޔަރުކުރިއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ އަތުހަރު، ނަފުސާނީ ބައްޔާއި ނާރުގެ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކައިފައިވާ ކަމަށާއި އޭނާގެ އެފަދަ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ބުނިކަން ހާމަކޮށްފައެވެ.

https://sun.mv/196272

ފުލުހުން މިއަދު ވަނީ ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ ރޭ 19:02 ގައެވެ. ހަމަ އެ މިނެޓުގައި ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވި ކަމަށާއި ތިން މިނެޓު ފަހުން ސްޓްރެޗާއަށް ލައިގެން އޭނާ ގޮޅިން ނެރެ 19:06 ގައި ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލި ކަމަށް އެ ޓައިމްލައިންގައި ބުންޏެވެ.

އޭގެ އަށް މިނެޓު ފަހުން ފުލުހުން ވަނީ ލޯންޗުގައި އަތުހަރު މާލެ ގެންގޮސްފައެވެ. އެއަށް ފަހު 19:25 ގައި އައިޖީއެމްއެޗް އިމަޖެންސީގައި އަތުހަރަށް ފަރުވާދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.

ޖަލުގައި މީހުން މަރުވުމުގެ ހާދިސާތައް މީގެ ކުރިން ހިނގައިފައިވާއިރު، މިދިޔަ ޖޫން މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ފަހުން ޖަލުގައި މަރުވާ ކޮންމެ ގައިދާއެއްގެ ހަށިގަނޑު އާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

އިހުސާން އެހެން ވިދާޅުވީ، ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލު ކިޔާ މީހަކު ޖޫން 28ގައި މަރުވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުން ބޭއްވީ، ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ބަޔަކު ތުހުމަތު ކުރުމުންނެވެ.

https://sun.mv/193712

އެ މައްސަލައިގައި ވެސް އޮޓޮޕްސީ ހަދަން ނިންމި ނަމަވެސް، އާއިލާއިން ދެކޮޅު ހެދުމުން، އާއިލާއިން ބޭނުންވާ ގޮތަށް ހަށިގަނޑު ވަޅުލާން ފުލުހުން ހުއްދަ ދިނެވެ.

comment ކޮމެންޓް