މީގެ ފަހުން ޖަލުގައި މަރުވާ ކޮންމެ ގައިދާއެއްގެ ހަށިގަނޑު އާއިލާއަށް ދޫކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އިހުސާން އެހެން ވިދާޅުވީ، ކ. މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އިއްޔެ މަރުވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިއްޔެ މަރުވި މުޙައްމަދު ޖަމީލުގެ ހަށިގަނޑުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ބަޔަކު ވަނީ އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކުން އޭނާއަށް ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތު ވަނީ ދޮގުކޮށްފައެވެ.
ޖަމީލް މަރުވެފައި އޮތްކަން ކަރެކްޝަންސް އެނގުނީ، ހެނދުނު ގަޑީގައި އޭނާގެ ގޮޅި ބެލުމަށް ފަހު އޭގެ ހަތަރު ވަރަކަށް ގަޑިއިރު ފަހުން ވެސް އިތުރު ހަރަކާތެއް ނެތި އޮތް ކަމަށް ފާހަގަކުރެވުމުންނެވެ.
އިހުސާން ވިދާޅުވީ ގައިދީއަކު އެހާ ގިނައިރު ހަރަކާތެއް ނެތި އޮތްކަން ނޭނގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންވެ މީގެ ފަހުން ގެންނާނެ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީގެ ފަހުން މިއަދުން ފެށިގެން ކަރެކްޝަނަލް ސާވިސްއިން އެއް ގަޑިއިރު ތެރޭގައި ކޮންމެ ގަޑިއިރަކު ގައިދީން އަޅުގަނޑުމެން ބަލާނަން، އެއީ އަޅުކަމުގެ ހަރަކާތެއްގައި ހުއްޓަސް އެމީހާ ފުރާނަ ހުރިތޯ ހަރަކާތް ކުރޭތޯ އަޅުގަނޑުމެން ބަލާނަން މީގެ ފަހުން،" އިހުސާން ވިދާޅުވިއެވެ.
އޭގެ އިތުރުން ގައިދީން މަރުވުމުން އަމަލުކުރާ ސިޔާސަތަށް ގެންނަ ބަދަލެއްގެ ދަށުން، ދެން ގައިދީންގެ ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
"އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި އެކަމުގެ ރިޕޯޓުތައް އަޅުގަނޑުމެންނަށް ލިބި މުއައްސަސާތަކުން ޖަވާބުދާރީ ފުރިހަމައަށް ޖަވާބުދާރީވެވޭ ފެންވަރަށް ތައްޔާރުވެގެން،" އިހުސާން ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޖަމީލްގެ ހަށިގަނޑުގެ ފޮޓޯތައް ނަގައިފައިވަނީ ރޭ އޭނާގެ ހަށިގަނޑު ސަހަރާއަށް ގެންދިޔަ ފަހުން ކަމަށެވެ.
އެ ނިޝާންތަކަކީ މަރުވުމަށް ފަހު އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އޭނާ ގިނައިރު ވަންދެން ސަޖިދައިގައި އޮތުމުން ފެންނަން ހުރި ނިޝާންތައް ކަމަށް ތަހުގީގުން މިހާތަނަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.