ސިޔާސަތުތައް ބައްޓަންކުރާނީ މަސައްކަތްތެރިންގެ އަޑުއަހައިގެން: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ސިޔާސަތުތައް ބައްޓަންކުރާނީ މަސައްކަތްތެރިންގެ އަޑުއަހައިގެން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަޑުއަހައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް ސިނާއަތްތަކާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ބައެއް ނިންމުންތައް އެ ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުމާ އެކު މީގެ ކުރިން ބަދަލުކުރައްވާފައި ވެސް ވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުމަކަށް ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މުހިންމު ދެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެކު ބާއްވާ ބައްދަލުވުމެކެވެ.

"ސަރުކާރުގެ ސިޔާސަތަކީ އެ ކަމުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ އަޑުއަހައިގެން ކުރިއަށް ދިއުން،" އެ ބައްދަލުވުމަށް ކެތްމަދުވެފައި ހުންނެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކަށްވާނީ އަދި ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮންމެ އިންޑަސްޓްރީއެއްގައި ވެސް އެ އިންޑަސްޓްރީއެއްގައި މަސައްކަތްކުރާ ބޭފުޅުންގެ އަޑުއަހައިގެން ކަންތައްތައް ބައްޓަންކުރުން،"

އެ މަނިކުފާނު ވިދާޅުވީ، ދެވަނަ ބައްދަލުވުމުގައި ބައިވެރިވާނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ އެކިއެކި އެސޯސިއޭޝަންތަކުން ކަމަށެވެ. އެގޮތުން، ފަހި ޔޫނިއަން، ގިރާވަރު، މާލޭ ސިޓިޒަންސް އެސޯސިއޭޝަން، އަދި، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަންގެ ބޭފުޅުންނާ ވެސް މިއަދު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތަކުގެ އަޑުއައްސަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބޭފުޅުން ބޭނުންވާ ވަރަކަށް ވާހަކަދައްކައި، ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

"މި ހުރިހާ ޖަމިއްޔާތަކަކީ މި ހުރިހާ ކޮމިޓީތަކަކީ ވަރަށް ގިނަ ރައްޔިތުން ރެޕްރެޒެންޓް ކުރާ ބައެއް. އެހެންވީމާ އެ ބޭފުޅުންނާ ބައްދަލުވުމުން ވަރަށް ގިނަ ކަންކަން އެނގިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/196123

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން މީގެ ކުރިން ވަނީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ވެސް ނިންމައިފައެވެ. އެކަމަކު، ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ނިންމުން ބަދަލުކުރައްވައި، ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމައިފައެވެ.

އެ ކަމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އޭރު ވިދާޅުވީ، ލޭނު މަސްވެރިކަމުން ވާން އޮތް ފައިދާއަށްވުރެ ބޮޑަށް ރައީސް ވިސްނެވީ އެ ސިނާއަތުގައި މަސައްކަތްކުރާ ބޭފުޅުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދެއްވަން ކަމަށެވެ.

comment ކޮމެންޓް