ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމި ނިންމުން ބަދަލުކޮށްފި

މިދިޔަ އަހަރު ބޭއްވި މަސްވެރިންގެ ގުންޒަރުގައި ރައީސާއި ޝިޔާމް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ބަދަލުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން ކެބިނެޓުން ނިންމީ މިދިޔަ ޖޫން މަހުގެ 13ގައެވެ. ނަމަވެސް އެ ނިންމުމާ ގުޅޭ ގޮތުން ބައެއް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، ރައީސް އެގޮތަށް ނިންމެވީ ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސަށް ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ ނިންމެވުމާ ގުޅޭ ގޮތުން ރައީސް އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންއާއި، ކަމާ ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ބައްދަލުކުރައްވާނެ ކަމަށެވެ.

"ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނަސްދިނުމަށެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ފުރަތަމަ ހުއްދަ ދޭން ފެށީ 2012ގައިއެވެ. ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުން 2019ގައި ވަނީ ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލައިފައެވެ.

މި ސަރުކާރުން ްލޭނު މަސްވެރިކަމަށް ހުއްދަދިނީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ ދަށުން ފިޝަރީސް މިނިސްޓްރީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދަކުންނެވެ.

އެ ގަވާއިދުގައި ވާގޮތުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނިި ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި ބޭނުމަށެވެ. އެ ގަވާއިދާއެކު މިނިސްޓްރީން ވަނީ، ލޭނު މަސްވެރިކަމުގައި މަރުވާ މިޔަރުތައް ޕްރޮސެސްކޮށް ރާއްޖޭން ބޭރުކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރުމަށް ނިންމައިފައެވެ.

ލޭނު މަސްވެރިކަންކުރުން ހުއްދަކޮށްފިނަމަ ރާއްޖެއަށް ބޭރުގެ ފަރާތްތަކުގެ އިތުބާރު ގެއްލުމުގެ ނުރައްކާ އޮތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

https://sun.mv/195601

އެ ގަވާއިދާ ގުޅޭ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ، އެ ހުއްދަ ދިނުމުން، މަދު ކުންފުނިތަކަކުން އެ ކުންފުނިތަކުގެ ބޯޓުތަކާއި ބޭރުގެ ކުންފުނިތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދައި، ކަނޑުމަތިން އެއްބޯޓުން އަނެއްބޯޓަށް މަސްގަނެ ވިއްކާނެ ކަމަށާއި އޭގެ ސަބަބުން ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވާނެ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެ، އޭގެ އަގު އިންތިހާއަށް ދަށްވާނެ ކަމަށް ވެސް ކަންނެލި މަސްވެރީންގެ ފަރާތުންވަނީ ބުނެފައެވެ.

comment ކޮމެންޓް