ގައުމު ވިއްކާލަނީއޭ ބުނެފަވެސް، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ކުރިއަގެންދާތީ މަރުހަބާ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ގައުމު ވިއްކާލާނަމޭ ބުނެފަވެސް، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ކުރިއަގެންދާތީ ފައްޔާޒު ވަނީ ރައީސަށް މަރުހަބާ ދަންނަވާފަ--- ފޮޓޯ/ އެމްޑީޕީ

އިންވެސްޓަރުނަށް ރާއްޖެއިން ބޯހިޔާވަހިކަން ދިނުމަކީ ''ގައުމު ވިއްކާލުން'' ކަމުގައި ބުނުމަށް ފަހު ވެސް، މި ސަރުކާރުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ކުރިއަގެންދާތީ މަރުހަބާ ކިޔާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ޓަކައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދަން މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުން ވަނީ ނިންމައިފައެވެ.

އެ ނިންމުމާ ގުޅުވައި ފައްޔާޒު މިއަދު އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ އައު މަސައްކަތެއްގެ ގޮތުގައި މި ސަރުކާރުން ތައާރާފު ކުރި ނަމަވެސް އެއީ އެމްޑީޕީ ސަރުކާރުން 2020 ވަނަ އަހަރުގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ"ގެ ނަމުގައި ކުރަން ނިންމާފައި އޮތް މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ނެތް ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އެފަދަ ޚިދުމަތެއް ފޯރުކޮށްދީފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސީ ވިސާއަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފުކުރި ކަމެއް ކަމަށާއި އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭނެ އައު ދޮރެއް ކަމަށެވެ.

"އެމްޑީޕީ ސަރުކާރުން ކޮށްފަހުރި މަސައްކަތްތައް އެއީ ރައީސް މުއިއްޒުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އައު ކަމެއްނޫން. ނަމަވެސް އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނިއްޔޭ، އިންޑިއާ މީހުން މިތާގައި ވަޒަންވެރި ކުރުވަން އުޅެނީއޭ،" ފައްޔާޒު ވިދާޅުވިއެވެ.

އެ ފާޑުކިޔުންތަކަށް ފަހު ވެސް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދަން ސަރުކާރުން ނިންމުނަކީ ހެޔޮ ފާލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/196246

ކެބިނެޓުން މިއަދު ނިންމި ކަންތައްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވެސް ވަނީ، އެމްޑީޕީއަށް ވުރެ ކުރިން އިންވެސްޓަރުންނަށް ވިސާ ދިނުމުގެ މަސައްކަތް ފެށިކަން ފާހަގަކުރައްވާފައެވެ. އަދި އެމްޑީޕީ ސަރުކާރުގައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރި ނަމަވެސް، މި ސަރުކާރުން ރެޒިޑެންސީ ވިސާ ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތް ތަފާތު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް