ވަގަށް ޕާޓީތަކަށް ވައްދާފައި ތިބި މީހުންނަށް އެމްޑީޕީން އެހީވަނީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

ވަގަށް ސިޔާސީ ޕާޓީތަކަށް ވައްދާފައި ތިބި މީހުންނަށް އިދިކޮޅު އެމްޑީޕީން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ވަގަށް ޕާޓީތަކަށް ވައްދާފައި ތިބި ފަރާތްތަކުން ގާނޫނީ އެހީތެރިކަން ބޭނުންވާނަމަ، 7341637 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް، އަދި PPR (ހުސްތަންކޮޅެއް) އައިޑީކާރު ނަންބަރު ޖެއްސެވުމަށް ފަހު، 1414 އަށް އެސްއެމްއެސް ކުރައްވައިގެން ވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްތޯ ޗެކު ކުރެއްވޭނެއެވެ.

ސަރުކާރު ހިންގާ ޕީއެންސީން މި ފަހުން ހިންގި މެންބަޝިޕް ޑްރައިވްގެ ތެރެއިން، 82،000 އަށްވުރެ މެމްބަރުން އެ ޕާޓީއަށް ވައްދާފައިވާ ކަމަށް މީގެ ކުރިން އެ ޕާޓީގެ ޖީޕީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ވަގަށް އެ ޕާޓީއަށް ވައްދާފައިވާ މީހުން ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެ މައްސަލަ އޮތީ ފުލުހަށް ވެސް ހުށަހަޅައިފައެވެ.

https://www.sun.mv/201048

މި ފަހުންވަނީ ރައްޔިތުންގެ މަޖިލީހުހެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ވެސް ޕީއެންސީއަށް ވައްދައިފައެވެ.

މި މައްސަލައިގައި އެމްޑީޕީގެ އިސްވެރިންވަނީ ލެކްޝަންސް ކޮމިޝަނަށް ގޮސް، އެ ތަނުގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ. އެ ކޮމިޝަނުންވަނީ އެ ފޯމު ބާތިލުކޮށް، ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ޕީއެންސީންވަނީ ސައްހަ ނޫން ފޯމުތަކެއް އެ ޕާޓީގެ ފަރާތުން ހުށަހެޅި ކަމަށް އެއްބަސްވެފައެވެ. އަދި އެ ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގެ ކިބައިގައި ނެތް ކަމަށް ބުނެފައިވެއެވެ.

އެހެން ނަމަވެސް މައްސަލަ ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުންދޭނެ ކަމަށް ޕީއެންސީން ބުނެއެވެ.

comment ކޮމެންޓް