ރާއްޖޭގައި ބޮޑެތި އަދަދުތަކުން އިންވެސްޓުކުރާ އިންވެސްޓަރުންނަށް މި ގައުމުން ބޯހިޔާވަހިކަން ދޭން މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް، އެމްޑީޕީން މީގެ ކުރިން ކުރިއަށްގެންދިޔަ ކޯޕަރޭޓް ރެޒިޑެންސީ ޕްރޮގްރާމާ ތަފާތުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، ކޯޕަރެޓް ރެޒިޑެންސީ ވިސާ އެމްޑީޕީން ތައާރަފު ކުރުމުން އެއީ 'ގައުމު ވިއްކާލަން' އުޅުމުގެ ގޮތުގައި އޭރު އިދިކޮޅުގައި އޮތް، އަދި މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން ތުހުމަތުކުރިކަން ފާހަގަކޮށްފައެވެ.
އެ ވާހަކައަށް އިޝާރާތް ކުރައްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ކޯޕަރޭޓް ރެޒިޑެންސީ ވިސާ ތައާރަފު ކުރީ އެމްޑީޕީގެ ސަރުކާރުގެ ކުރިން 2014 ހިސާބުގައި ކަމަށެވެ. އޭރު ރެޒިޑެންސީ ދޭން ކަނޑައަޅައިފައި އޮތްއިރު ޝަރުތުތަކުގެ ތެރޭގައި އެއް މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކެއްގައި ބެހެއްޓުން ނުވަތަ 50 މިލިއަން ޑޮލަރު އިންވެސްޓުކުރުން ހިމަނައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގައި ވެފައި އޮތް ގޮތަކީ އޭގައި މި އޮންނަނީ އިންވެސްޓް ކޮށްގެން އުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް ކޯޕަރޭޓް ރެޒިޑެންސް ވިސާ، ކޯޕަރޭޓް ވިސާއެއްގެ ގޮތުގައި ދިނުމުން މުއައްސަސާތަކުން ވަރަށް ލިމިޓޭޝަންސްތަކެއް ގެނޭ. މާނައަކީ ރާއްޖެއަށް އަންނަ މީހަކަށް އެހާ ފައްސެއް ނޫން އެކަން އަޅުގަނޑުމެން އެންޓިސިޕޭޓް ކުރި ގޮތަކަށް،" ސައީދު ވިދާޅުވިއެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި، ކޯޕަރޭޓް ރެޒިޑެންސް ވިސާ ހޯދުމަށް ބޭންކުގައި ބަހައްޓަން ޖެހޭ އަދަދު 250،000 ޑޮލަރަށް ދަށްކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މަސައްކަތާ ގުޅޭ ތަފުސީލުތައް އެ ސަރުކާރުން ހާމަނުކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ދާއިރާއިން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ފަސް ކުންފުނީގެ ތެރެއިން އެއް ކުންފުންޏާއެކު ކަމަށާއި މި ސަރުކާރުގެ މަސައްކަތް ތަފާތު ވާނެ ކަމަށެވެ.
"މާނައަކީ ދިވެހި ސަރުކާރުން އެއްޗެއް ހޭދަކުރާކަށް ނުއެއް ޖެހެޔޭ އަނެއް ކޮޅުން އެ ބޭފުޅުންނަކީ މުޅި ދުނިޔޭގެ އެންމެ، އޮސްޓްރޭލިއާ ކަހަލަ ތަންތަނުގައި އެންމެ ވަރުގަދައަށް މިކަން ކުރި މީސްމީހުން،" ސައީދު ވިދާޅުވިއެވެ.
އެއީ ކޮން ކުންފުންޏެއް ކަމެއް އޭނާ ހާމައެއްނުކުރައްވައެވެ.
އެ މަޝްރޫއާ ގުޅޭ އިތުރު ތަފުސީލް ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމައިފައިވާ އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމަކީ ކުރިން ފެށި ކޯޕަރޭޓް ރެޒިޑެންސީ ޕްރޮގްރާމަށް ވުރެ ފުޅާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާރު ޕްރޮގްރާމް ކުރިއަށްގެންދާއިރު ރާއްޖެއިން ބަލާނީ ދުބާއީ އާއި މެލޭޝިއާ ފަދަ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ވަރަށް ފުޅާކޮށް ކުރިއަށްގެންގޮސްފައިވާ ގައުމުތަކުގެ މޮޑެލްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިނިޝިއަލް ސްކޭލްގައި އަޅުގަނޑުމެން މި ފޯކާސްޓްކުރަނީ ގާތްގަނޑަކަށް 1،500 ޓު 2،000 އެޕްލިކެންޓްސް ޕްރައިމަރީއާއި، އެމީހުންގެ ސެކަންޑަރީ އެޕްލިކެންޓްސް 4،000އަށް އަރާ ވަރަށް އިނިޝިއަލް ވިންޑޯގެ ފަސް އަހަރު ތެރޭގައި ހުޅުވާލަން،" އިހުސާން ވިދާޅުވިއެވެ.
"މި ފަސް އަހަރުތެރޭގައި މި ބަލަނީ ޑައިރެކްޓް އިންވެސްޓްމެންޓްގެ 1.1 ބިލިއަން އަދި އިންޑައިރެކްޓް އިންވެސްޓްމެންޓާ އެއްކޮށްލައިގެން ހަޔެއްކަ ބިލިއަން ޑޮލަރާ ހިސާބަށް އިންވެސްޓްމެންޓް ގެނެވޭނެ ކަމަށް މި ޕްރޮޖެކްޓުގެ ތެރެއިން."
ކޯޕަރޭޓް ވިސާ ހޯދުމަށް އިންވެސްޓް ކުރާ އަދަދު ދަށްކުރަން 19 ވަނަ މަޖިލީހުން ނިންމުމުން އޭރު ޕީޕީއެމުން ވަނީ އެއީ ފަސޭހައިން އިންވެސްޓަރުންނަށް ވިސާ ލިބޭ ގޮތަށް، ނުބައި ނިޔަތެއްގައި ގެނައި ބަދަލެއް ކަމަށާއި އޭގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމަށް ބުނެފައެވެ.