ފުލުހުންގެ ހުރުމަތް ހިފަހައްޓަން، ކޮމިޝަނަރު އިސްތިއުފާ ދޭންޖެހޭ: އެމްޑީޕީ

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު: ފައްޔާޒް ވިދާޅުވީ ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ގައުމީ ބޭންކް، ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް، ފުލުހުން އެ މައްސަލަ ބަލަން ނިންމީ ސިޔާސީ ނުފޫޒުން ކަމަށާއި މިހާރުން މިހާރަށް ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު އެ މައްސަލައިގައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީގެ ލީޑާޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއަކަށް ހަދައި އާންމުންގެ އިތުބާރު ހޯދުމަށް ޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.

ނަމަވެސް، ރޭ ފުލުހުންގެ ފަރާތުން އެ ނެރުނު ބަޔާނުގެ ސަބަބުން އެ އިތުބާރު ގެއްލެން މަގުފަހިވެފައިވާކަމަށް ވިދާޅުވިއެވެ. އަދި، ފެންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެންގެވި ގޮތަކަށް "ތަނެއް ދޮރެއް ބަލައިނުލާ" ފުލުހުންގެ އިދާރާއިން ކަންކަން ކުރަމުން އަންނަ މަންޒަރުކަމަށެވެ.

އެއާ އެކު އޭނާވަނީ ޝުޖާއު އިސްތިއުފާ ދެއްވަން ގޮވައިލައްވައިފައެވެ.

"އަޅުގަނޑު މި ފުރުސަތުގައި ގޮވައިލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވަން ވެސް. ޕޮލިސް ބޮޑީގެ، ޕޮލިސް ސާވިސްގެ ހުރުމަތް ހިފެހެއްޓުމަށް ޓަކައި އެ މަނިކުފާނު އިސްތިއުފާ ވެސް އެބަ ދޭންޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ކޮންމެ ބަޣާވާތެއްގެ ނަމުން ނަން ދިން ނަމަވެސް އެމްޑީޕީން "ސަރުކާރުގެ އޮޅުވައިލުންތަކާއި ނާގާބިލުކަމުގެ ވާހަކަ ތާއަބަދަށް" ދައްކާނެ ކަމަށެވެ.

https://sun.mv/195996

ބީއެމްއެލްގެ ނިންމުމާ ގުޅުވައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

އެ ބައްދަލުވުން ބޭއްވި އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެ ކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.

އެހެންވެ، އެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރަން ފެށީ ކަމަށް ބަޔާނުގައިވެއެވެ.

ރޭ ބޭއްވި ޖަލްސާގައި ބީއެމްއެލުން ހިންގަން އުޅުނީ ބަޣާވާތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ވެސް އަންނަނީ ވިދާޅުވަމުންނެވެ.

comment ކޮމެންޓް