އެމްޑީޕީ ގައުމީ މަޖިލިސް އިންތިޚާބު: ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވަގަށް ނަގައިފި

އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ވަގަށް ނަގައިގެން ދަނީ... ފޮޓޯ/ އެމްވީ ކްރައިސިސް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރުން ހޮވުމަށް މިއަދު ބާއްވަމުންދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، އދ. ދިގުރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަޔަކު ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ހުރި ވޯޓު ފޮށި ވަގަށް ނަގާފައިވަނީ އެ އަތޮޅު މަހިބަދޫން ދިގުރަށަށް ދިޔަ ގްރޫޕަކުންނެވެ. އެ މީހުން ވަނީ ވޯޓު ފޮށި ހިފައިގެން ލޯންޗަކަށް އަރައިގެން ފިލާފައިކަމަށް ދިގުރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ދިގުރަށު ކައުންސިލްގެ ރައީސްގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވެސް ވަނީ އެ ވޯޓު ފޮށި ވަގަށް ނަގާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ވޯޓު ފޮށި ވަގަށް ނަގައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބަޔަކު މީހުން ވޯޓު ފޮށި ބަހައްޓާފައި ހުރި މަރުކަޒަށް ވަދެ، ފޮށި ނަގައިގެން ދުވެފައި ދެއެވެ. ނަމަވެސް އެއީ ކޮން ބައެއްކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ. މިރޭ 9:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދިޔައިެު، މިއީ އެ ޕާޓީގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބެވެ.

މި އިންތިޚާބުގައި 1،102 މަގާމަކަށް 1،612 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި ވޯޓުލުމުގެ ހައްގު 53،457 މީހުންނަށް ލިބިފައިވާއިރު، މާލެ ސަރަހައްދުގެ ނުވަ ސްކޫލެއްގައި ވެސް ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ.

މި އިންތިޚާބުގައި އަތޮޅުތަކާއި ސިޓީތަކުން ގައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން، ދާއިރާތަކުގެ ނައިބު ރައީސުންނާއި، ސެކްރެޓަރީންނާއި، އަންހެން އަދި ޒުވާނުންގެ ސެކްރެޓަރީން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި، އެ ދެ ގޮފިން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން ވެސް މި އިންތިޚާބުގައި ހޮވާނެއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ކުރިމަތިލާއިރު، މިއަދު ބާއްވާ ގައުމީ މަޖިލީހުގެ އިންތިޚާބަކީ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވެސް ނުހަނު މުހިންމު، ފޯރިގަދަ އިންތިޚާބެކެވެ.

comment ކޮމެންޓް