ގޮންޖެހުންތައް ހުއްޓަސް، އޮމާންކަމާއެކު އިންތިޚާބު ކުރިއަށް ގެންދަން އެމްޑީޕީ ވަރަށް ފަރިތަވާނެ: ނަޝީދު

އެމްޑީޕީގެ އިންތިޚާބުގައި ނަޝީދު ވޯޓުލާން ވަޑައިގެން ގަލޮޅު މަދަރުސާގައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ގޮންޖެހުންތައް ހުރި ނަމަވެސް، އެމްޑީޕީއަކީ އިންސާފުވެރިކަމާއި އޮމާންކަމާއެކު އިންތިޚާބުތައް ބާއްވަން ވަރަށް ފަރިތަ ބައެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ގަލޮޅު މަދަރުސާގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

މިގޮތުން، އޮމާންކަމާއެކު، އިންސާފުވެރި އިންތިޚާބުތައް ކުރިއަށް ގެންދިޔުމަކީ އެމްޑީޕީއަށް ވަރަށް ފަރިތަކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާފައިވުމުން ކޮންމެ މީހަކު ވެސް ވޯޓުލާން އިރުކޮޅެއް ނަގާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ރަނގަޅު އަދަދަކަށް ވޯޓުލާން މީހުން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ނަޝީދު ވޯޓު ލައްވަނީ --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ބައެއް ސެންޓަރުތަކުގައި ވޯޓުލުން ލަސްވުމާ ގުޅުވައި 'ސަން'އިން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، ސަރުކާރުން އެ ޕާޓީއަށް އެހާ ބޮޑު އެއްބާރުލުމެއް ނުދޭ ކަމަށެވެ.

"އެއް ފަހަރު ހޯލެއް ދޭނެ. އަނެއް ފަހަރަކު ހޯލެއް ނުދޭނެ. ދެން އެހެން ގޮސް ވަރަށް ބޮޑެތި ތާށިތަކާ ދިމާވޭ،" ނަޝީދު ކިޔައިދެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޕާޓީގެ ކޮންމެ ކަމެއް ކުރަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކީގައި ކަން މެންބަރުންނަށް އެނގޭނެ ކަމަށެވެ.

އެމްޑީޕީއަކީ ސަރުކާރެއް ނޫން ކަމަށާއި އެ ޕާޓީއަށް ލިބޭނީ ސަރުކާރުން ދިން އެއްޗެއްކަން އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަތުގައި ހުރި ވަސީލަތްތަކަކީ ސަރުކާރުން އެ އިރެއްގައި އަޅުގަނޑުމެނަށް ދިނީމާ އެ ދޭ މިންވަރަކަށް ހުންނަ ވަސީލަތްތައް. އެހެންވީމަ ގޮންޖެހުންތައް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންގެ މެންބަރުންނަށް މި ކަންކަން ވަރަށް ބޮޑަށް ސާފުވާނެ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އިންތިޚާބުގައި ނަޝީދު ވޯޓުލާން ވަޑައިގެން ގަލޮޅު މަދަރުސާގައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

މީގެއިތުރުން، ކެތްތެރިކަމާއެކު ތިބެ، އިންތިޚާބު ކުރިއަށްދާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އަވަހަށް ވޯޓުލާން ނިކުތުމަށް އެ ޕާޓީގެ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ހާހަކަށް ވުރެ ގިނަ މެންބަރުން ވާދަކުރާ އެމްޑީޕީގެ އިންތިޚާބުގައި 1،102 މަގަމާކަށް މީހުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި މާލެ ސަރަހައްދުގެ ނުވަ ސުކޫލެއްގައި ވޯޓު ފޮށިތައް ވަނީ ބަހައްޓާފައެވެ. އޭގެތެރޭގައި، މާލޭގެ ހަ ސުކޫލާއި ހުޅުމާލޭގެ ދެ ސުކޫލާއި ވިލިމާލޭގެ ސުކޫލެއް ހިމެނެއެވެ.

comment ކޮމެންޓް