ސަރުކާރުގެ ބާރު ކުޑަކޮށް، ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން ކަށަވަރުކުރުމަކީ ގެންނަންޖެހޭ އެންމެ މުހިންމު ބަދަލު: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް....

ސަރުކާރުގެ ބާރުތައް ކުޑަކުރުމާއެކު ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން ކަށަވަރުކުރުމަކީ މިހާރު ގެންނަންޖެހޭ އެންމެ މުހިންމު އެއް ބަދަލު ކަމަށާއި، މިހާރު ދިމާވެފައިވާ ގިނަ މައްސަލަތަކުގެ މައިގަނޑު އަސްލަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި ތަޅުއެޅުވިފައި އޮތުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބާ ގުޅިގެން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ޤައުމީ މަޖިލީހުގެ އޮނިގަނޑަށް ގެނައި ބަދަލަކީ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާންވީ ގޮތާމެދު އެ ޕާޓީން ގެންގުޅޭ ތަސައްވުރުގެ އަޖުމަބެލުމެއް ކަމަށެވެ.

މި ބަދަލުގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ބާރުތައް ހިފަހައްޓައި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހޯދައިދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަޖިލިސް ތަޅުއެޅިފައި އޮންނަ މައިގަނޑު ސަބަބަކީ ވޯޓު ގަނެގެން މެންބަރުން މަޖިލީހަށް އަންނަން ޖެހުން ކަމަށްވާއިރު، މިފަދަ އިޞްލާޙީ ބަދަލެއް ރައްޔިތުންގެ މަޖިލީހަށް ގެނެވިއްޖެނަމަ ރައްޔިތުންގެ ސީދާ އަޑު އިވި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޒާމު ވަރުގަދަވާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ރައްޔިތުންގެ މަޖިލިސް ތަޅުއެޅިފައި އޮންނަ މައިގަނޑު ސަބަބަކީ ވޯޓު ގަނެގެން މަޖިލީހަށް އަންނަން ޖެހުން. ޕާޓީގެ އޮނިގަނޑަށް ގެނައި ފަދަ ބަދަލެއް ރައްޔިތުންގެ މަޖިލީހަށް ގެނެވިއްޖެނަމަ ރައްޔިތުންގެ އަޑު އިވި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޒާމު ވަރުގަދަވެގެންދާނެ،" ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ބޭއްވި މި އިންތިޚާބަކީ 1،100 އަށްވުރެ ގިނަ މަޤާމަށް މެންބަރުން ހޮވުމަށް ބޭއްވި، ލޯކަލް ކައުންސިލް އިންތިޚާބު ފިޔަވައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އިންތިޚާބުކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މި އިންތިޚާބުގައި ޕާޓީގެ ޤައުމީ މަޖިލީހަށް އެކަނިވެސް 380 އަށްވުރެ ގިނަ މެންބަރުން ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި އިންތިޚާބު އިންތިޒާމުކުރުމުގައި ޕާޓީގެ ފެންވަރުގައި ބައެއް ގޮންޖެހުންތަކާއި ދަތިތައް ދިމާވި ނަމަވެސް، ވޯޓުލާން ނުކުތް މީހުންގެ އަދަދު ރަނގަޅުވެފައި މެންބަރުންގެ މެދުގައި ބޮޑު ފޯރިއެއް ފެނިގެންދިޔަކަން އޭނާ ފާހަގަކުރެވުނެވެ.

ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި ކުރިން އެމްޑީޕީގެ ޤައުމީ މަޖިލިސް އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބެހިފައިވާ އުސޫލުން ކަމަށްވާތީ، އެއް ދާއިރާއެއްގައި ގިނަ ރަށްތަކެއް ހިމެނޭ ހާލަތްތަކުގައި ބައެއް ރަށްތައް ބާކީވެގެންދެއެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހުގެ ދަށުން ކޮންމެ ރަށަކުން މަދުވެގެން އެއް މެންބަރަކު ޤައުމީ މަޖިލީހުގައި ތަމްސީލުވާނެކަމަށާއި މީގެ ސަބަބުން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ޕާޓީ މެންބަރުންގެ އަޑު ޕާޓީގެ އެތެރޭގައި ސީދާ އިއްވުމުގެ ފުރުސަތު ފަހިވެ، އެ ރަށްރަށުގައި ޕާޓީގެ ހަރަކާތްތަކާއި ފަލްސަފާ ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

އިންތިޚާބާ ގުޅިގެން ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަންތަކާ ގުޅޭގޮތުން ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ދިރުމާއި ފުރިހަމަކަން ބިނާވެފައިވަނީ ތަފާތު ޚިޔާލުތަކާއި ފެކްޝަންތައް އޮތުމުގެ މައްޗަށެވެ. އެފަދަ ތަފާތުތައް ނެތްނަމަ ޕާޓީ ވެއްޓިގެންދާނީ އެއްބަޔަކު ބޭނުންވާ ގޮތަށް ހިންގާ ޚުދުމުޚުތާރު ނިޒާމަކަށް ކަމަށް ވިދާޅުވިއެވެ.

ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ބައެއް ފަހަރު ފިތުނަ އުފެދުނު ނަމަވެސް، މީގެ އެންމެ ބޮޑު ފައިދާއަކީ މިނިވަންކަމާއެކު ބަސްބުނުމުގެ ފުރުސަތު އޮތުމާއި ޕާޓީގެ ބާރު އެންމެ ބައެއްގެ މުށުތެރެއަށް ނުގޮސް ހިފެހެއްޓުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް