ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް އަންނަންވީ ސިޔާސީ މީހުން ނޫން ކަމަށާއި އެ ބޭންކުގެ ބޯޑަށް އަންނަންވީ ތަޖުރިބާކާރު މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ އަމިއްލަފުޅު ޕާޓީ، ޕީޕަލަސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަޒާޖީ ގޮތެއްގައި ޔާމީން ވިދާޅުވީ، ޑޮލަރުގެ މައްސަލައިގައި ބީއެމްއެލް ގޯސްވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިގެން ވެސް ޑޮލަރުގެ އަގު މަތިވިޔަ ނުދީ ނުހިފެހެއްޓުމުން ކަމަށެވެ.
އެ މައްސަލައިގައި ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާންކުރުމާ ގުޅުވައި ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް، ފުލުހުން ރޭ ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިިފިއެވެ.
އެ ކަމާ ގުޅުވައި ޕީއެންއެފް ޖަލްސާގައި ޔާމީން ވިދާޅުވީ، ބޮޑެތި އަދަދުތަކުގެ ޑިޕޮސިޓްތައް ރުފިޔާއިން އެބަ ހުރި ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. ނަމަވެސް، އެ ބޭންކުގައި ޑޮލަރު ނެތްކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ބީއެމްއެލްއަކީ އޭގެ ޒާތުގައި ޑޮލަރު ލިބޭ ބަޔަކަށް ނުވާތީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި، ދިވެހި ރުފިޔާ ހިފައިގެން ޑޮލަރަށް ބަދަލުކުރަން އެ ބޭންކުން ދާންޖެހޭނީ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ކަމަށް ޔަމީން ވިދާޅުވެއެވެ.
އެހެންވީމާ މި ތަނުން ކުށްވެރި ވަނީ ކާކުތޯ؟ ބޭންކް އޮފް މޯލްޑިވްސްތޯ؟ އެމްއެމްއޭތޯ؟ އެމްއެމްއޭ ދެއްތޯ؟ އެހެންވީމާ މި އުޅެނީ ބޭންކް އޮފް މޯލްޑިވްސްގެ މައްސަލައެއްތޯ އެބަޖެހޭ ދެއްތޯ ސީޕީ ބަލަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޔާމީން ވިދާޅުވީ، ގަވަނަންސް ސްޓްރަކްޗާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރު ބީއެމްއެލްގެ މައްޗަށް ހިންގައިގެން ނުވާނެ ކަމަށާއި ރައީސް ކުރައްވަން ބޭނުންފުޅުވާ ކަމެއް ކުރައްވަންވާނީ އެ ބޭންކުގެ ބޯޑުގައި ތިބޭ ބޭފުޅުންނާއި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން މެދުވެރިކޮށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ބީއެމްއެލްގެ ބޯޑަށް ސިޔާސީ މީހުން ލާ ހިސާބަށް ދިއުމުން އެ ބޭންކަށް ފައިސާ ލައިގެން ތިބި ރައްޔިތުން ވިސްނަން ޖެހޭ ހިސާބަށް ހާލަތު ދިޔައީ ކަމަށެވެ.
ހަމައެއާ އެކު، ގާނޫނޫގައި ބުނާ ކަންތައް ރެގިއުލޭޓްކުރަނީ އެމްއެމްއޭއިން ކަމަށްވާއިރު، ބީއެމްއެލްގެ އެތެރޭގެ ހުރިހާ ކަމެއް ނިންމާނީ އެ ތަނުގެ ބޯޑުން ކަމަށް ޔާމީން ވިދާޅުވިއެވެ.
އެހެންވީމާ އެ ތަނުގެ ސެލްފް ރެގިއުލޭޓަރީ، ސެލްގް ގަވަނިން ބަޔަކަށް މި ތިބެނީ ބޯޑުގައި ތިބޭ މީހުން. އެ ތަނުގައި ތިބެންވާނީ އެ ދާއިރާއަށް ފެންވަރުހުރި ކެރެޑިބަލް މީހުން. އެ ތަންތަނަށް އަންނަންވީ ސިޔާސީ މީހުންނެއް ނޫން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ސިޔާސީ މީހުން ބޭންކްގެ ބޯޑަށް އަންނަ ހިސާބުން ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ކަމަށާއި އެއީ ވަރަށް ދެރަވަރުގެ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫނުކުރަން ކުއްލި ގޮތަކަށް ނިންމުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ބޭރުން މުދާ ގެންނަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ހިމެނެއެވެ.
އެ މައްސަލައިގައި ސިޔާސީ ކޯޅުންތައް އިތުރުވިއިރު، ސަރުކާރަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ވެސް އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމުގެ ތުހުމަތުކުރިއެވެ.
ބީއެމްއެލްއިން ނިންމުން ބަދަލުކުރިކަން އިއުލާންކުރި ފަހުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ބީއެމްއެލްއިން ޑޮލަރު ދޫނުކުރަން ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުފުޅާ ޚިލާފަށް ކަމަށް ބުނެފައެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ރައީސް މުއިއްޒު ވެސް ރޭ ވަނީ ބީއެމްއެލްގެ ނިންމުމާ އެކު ގެންނަން އުޅުނީ ބަޣާވާތެއް ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި، ގާނޫނުއަސާސީގައި ވާގޮތުގެ މަތިން އެ މައްސަލަ ބަލައި ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.