ބީއެމްއެލުން އަމަލުކުރީ ރައީސް އެންގެވި ގޮތާ ހިލާފަށް: ސަރުކާރު

ރައީސް ޑރ. މުޙައްމަދު މުއިއްޒު: މިހާރު ރ. އުގޫފާރުގައި ބިން ހިއްކަން އޮތް ވަރަށް ވުރެ އިތުރަށް ތިން ހެކްޓަރު ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައި އެކަން އިއުލާންކުރީ އެގޮތަށް އަމަލުނުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އަންގަވައިފައި ވަނިކޮށް ކަމަށް ސަރުކާރުން މިއަދު ބުނެފައިއެވެ.

ބީއެމްއެލްގެ ބޯޑުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ އެއްގޮތަށް، އެ ބޭންކުން ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް މިއަދުން ފެށިގެން ޑޮލަރު ނުދޭން ނިންމައިފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް, މިއަދު ހަވީރު ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެ ކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ, ބީއެމްއެލްއިން މިއަދު އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.

އެކަމުގެ ތަފުސީލު ދެއްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު: ޑޮލަރު މައްސަލަައިގައި ބޭންކުން އަމަލުކުރީ ސަރުކާރުން ލަފާދިން ގޮތަކަށް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

"ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރުން އެހެންވީމާ ސަރުކާރުގެ އިންޓްރެސްޓުތައް އެބަހުރި ބޭންކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މި ހުރިހާ ކަމެއް ވެސް،" ޒަމީރު ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރުން އަނެއްކާ ވެސް ބީއެމްއެލްއާ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކައާ ގުޅުވައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، ޑޮލަރު މައްސަލައިގައި ބީއެމްއެލްއާއި އިކޮނޮމިކް ކައުންސިލާ ދެމެދު ވެސް މަޝްވަރާތައް ކުރި ކަމަށެވެ.

"އެހެންނަމަވެސް މަޝްވަރާކޮށްގެން އޭރު އެގްރީވެވުނު ގޮތަކަށް ނޫން މިއަދު ޑިޒިޝަންއައީކީ. އެހެންވީމަ އެކަމާ ގުޅޭ ގޮތުން ބޭންކުން ސަރުކާރުގެ ފަރާތުން އަދި އެމްއެމްއާ މަޝްވަރާކޮށްގެން އެމްއެމްއޭގެ އިތުރު އެޝުއަރެންސްތައް އަދި ސަރުކާރުގެ އިތުުރު އެޝުއަރެންސްތަކެއް ދިނުމުން ބޭންކުން ނިންމުން ބަދަލުކުރި ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން މިއަދު ހެނދުނު ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

https://sun.mv/195930

ނަމަވެސް، މިއަދު ހަވީރު ބޭންކުން ވަނީ އެމްއެމްއޭގެ އިރުޝާދުގެ ދަށުން އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެ ބޭންކުން ދީފައި ނުވެއެވެ.

comment ކޮމެންޓް