ޕީއެންސީން ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކޮށްދޭނެކަން ޔަގީންވެއްޖެ: ނާޒިލް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް: އޭނާ ވިދާޅުވީ ރިޔާސަތުން ކަންތައް ކުރި ގޮތުން މަޖިލީހުގެ ސުޕަމެޖޯރިޓީއާއެކު ޕީއެންސީން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްނުދޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ކަންތައް ކުރި ގޮތުން މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު ޕީއެންސީން ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުކޮށްދޭނެކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ގޯތީގެ މައްސަލައިގައި އެމްޑީޕީގެ މެންބަރުން ވަނީ މިއަދު މަޖިލީހުގެ ނިޒާމު ގެއްލުވާލައިފައެވެ. އެހެންވެ، މިއަދުގެ ޖަލްސާ ހޫނުވެ، ހެނދުނުގެ ދަންފަޅި މެދުކަނޑާލައި އަލުން މަޖިލިސް ފެށީ 11:00ގައެވެ. މަޖިލީހުގެ ނިޒާމު ގެއްލުވާލާފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން އިއްވުމާ އެކުއެވެ.

އެކަމާ ގުޅުވައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަންބޮޑުވުން ފާޅުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، އެ ޕާޓީ އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށާއި އެ ޕާޓީން ކޮށްދޭ މަސައްކަތްތައް އަބަދު ވެސް ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

އެގޮތުން، ޒިޔާދު ކުރެއްވި ސުވާލަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ސީދާ ޖަވާބެއްނުދެއްވުމުން ރިޔާސަތުން އެކަން ފާހަގަކޮށް މިނިސްޓަރު ޖަވާބުދެއްވުމަށް ފުރުސަތު ނުދިނީ ކީއްވެތޯ ސުވާލު އުފައްދަންޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ/ މޫސާ ނަދީމް

އޭނާ ވިދާޅުވީ، މިއަދުގެ ޖަލްސާގައި މެންބަރު ޒިޔާދުގެ ނަން އިއްވައި މަޖިލީހުން ބޭރުކުރަން ޖެހުމަކީ ރިޔާސަތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެޕްޑީޕީގެ މެންބަރުން ގަބޫލުކުރައްވާ ކަމަށެވެ. އަދި، ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަކުރުމަށް ޒިޔާދާ އެކުގައި ބައިވެރިވީ ޒިޔާދުގެ ނަން އިއްވުމަކީ ރިޔާސަތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާތީކަން ނާޒިލް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް، ރިޔާސަތުން އެ ކަންތައް ކުރި ގޮތުން މިއަދު އަޅުގަނޑުމެންނަށް ޔަގީން ކަށަވަރުކުރެވޭ މި މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކީގައި ޕީއެންސީގެ މެންބަރުން، މަޖިލީހުގެ ބާރުވެރިކަމާ އެކީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްނުދޭކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ،އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

މިއަދުގެ ޖަލްސާގައި ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަ ކުރެއްވި މެންބަރުންގެ ތެރޭގައި ނާޒިލާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހިމެނެއެވެ. އެ ހުރިހާ މެންބަރުންގެ ނަން ވެސް ރިޔާސަތުން އިއްވިއެވެ.

https://sun.mv/195382

މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ސަރުކާރުން ބިން ދޫކޮށްފައި ހުރީ ފަޅުންނާއި ކަނޑުން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް ނިމޭނެ ކަމަށެވެ.

comment ކޮމެންޓް