ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުވާއެކު މިއަދުގެ ޖަލްސާ ހޫނުވެ، ހެނދުނުގެ ދަންފަޅި މެދުކަނޑާލައިފިއެވެ.
މަޖިލީހުގެ ނިޒާމު ގެއްލުވާލާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން އިއްވުމާއެކުއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލުކުރެއްވުމެވެ.
ސުވާލުކުރުމުގެ ވަގުތުގައި އެމްޑީޕީގެ މެންބަރުން ވަނީ މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ދިނުން ލަސްވާތީ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ. އެއާއެކު ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޒިޔާދު ވަނީ ފުލެޓު ލިސްޓު ރިވިއު ކުރާއިރު ގޯތި ލިސްޓު ރިވިއު ނުކުރަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
އެ ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވެ ޒިޔާދު ފަހުން ވަކީ ނިޒާމީ ނުކުތާތަކެއް ނަންގަވައި އެކަން ރިޔާސަތުގެ ސަމާލު ކަމަށް ގެންނަވާފައެވެ.
އެއާއެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ނިޒާމީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއާއެކު ޒިޔާދު ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ.
ދެވަނަ ފަހަރަށް ވެސް ނިޒާމީ މައްސަލަ ނަންގަވާ ޒިޔާދު ވަނީ އޭނާގެ ސުވާލުކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެހެންނަމަވެސް ރިޔާސަތުން އެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.
އެއާއެކު ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރަން ފެއްޓެވުމުން އަބްދުއްރަހީމް ވަނީ އޭނާގެ ނަން އިއްވާ، މަޖިލިސް ތަޅުމުން ނުކުންނެވުމަށް އަންގަވާފައެވެ.
ޒިޔާދުގެ ނަން އިއްވުމާއެކު އެމްޑީޕީގެ ދެން ތިބި ބައެއް މެންބަރުން ވެސް ވަނީ ރިޔާސަތުގެ ކުރިމަތީ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ. އޭގެ ތެރޭގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހިމެނެއެވެ.
ރިޔާސަތުން ވަނީ މި ތިން މެންބަރުންގެ ނަންވެސް އިއްވާ، މަޖިލިސް ތަޅުމުން ނުކުތުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އަޑުގަދަކުރުން ނުހުއްޓުމުގެ ސަބަބުން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ. މަޖިލިސް ދެން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު 11:00 ގައެވެ.