މި ސަރުކާރުން އާ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދާ މަންޒަރު އަދި ނުފެންނަނީ މިދިޔަ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތަކާއި ހުއްޓިފައިހުރި މަޝްރޫއުތައް ގިނަ ކަމުން އެ މަޝްރޫއުތަކަށް ގޮތެއް ހޯދަންޖެހޭތީ ކަމަށް ބޯހިޔާވަހިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ދޫކުރި ފުލެޓުތަކާއި ގޯތިތަކާ ގުޅޭ ގޮތުން ސުވާލުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ވަޒީރު ހާޒިރުކޮށްފައެވެ.
އިތުރު ސުވާލުގެ ވަގުތުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ އާ މަޝްރޫއުތައް ފައްޓާނެތޯ ސުވާލު އުފައްދަވައިފައެވެ. އަދި، މިދިޔަ ސަރުކާރުން ދޫކުރި ގޯއްޗާއި ފުލެޓުތައް އޭގެ ހައްގުވެރިންނަށް ރައްދުކުރަން ކެރޭނެތޯ ވަޒީރު އަރިހުން އައްސަވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ، ގޯއްޗާއި ފުލެޓު ލިބުނީ ހައްގުވެރިންނަށްތޯ ޔަގީންކޮށްފައި ނޫނީ މިދިޔަ ސަރުކާރުން ދީފައި ހުރި އެއްވެސް ގޯއްޗަކަށް ނުވަތަ ފުލެޓަކަށް ވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.
ގޯތިތަކާއި ފުލެޓުތައް ދޫކުރާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.
އާ މަޝްރޫއުތައް ނުފައްޓާތީ އިދިކޮޅު ބައެއް ފަރާތްތަކުން ފާޑު ވެސް ކިޔަމުން އަންނަ ދަނޑިވަޅެއްގައި އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވަރަށް ގިނަ މަޝްރޫއުތަކެއް ހުރީ ފަށާފައި ހުއްޓިފައި ކަމަށެވެ.
އެހެންވެ، އެންމެ މުހިންމު ކަމަކީ އެ މަޝްރޫއުތަކަށް ގޮތެއް ހޯދައިދީ، ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރާ ހަވާލުވީއިރު ވަރަށް ގިނަ މަޝްރޫއުތައް ފެށިފައި ހުރި، ހުއްޓިފައި ހުރީ. އެހެންވީމާ އަޅުގަނޑުމެންނަށް އެހެން މަޝްރޫއަކައިގެން ކުރިއަށް ގެންދެވެން އޮތީ އެ މައްސަލަތައް ހައްލުކޮށް، އެ މައްސަލަތަކަށް ގޮތެއް ހޯދައިދީފާ ކަމަށް، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެ ކަމަށް، ކަމަށް ދެކޭތީ އެ މަސައްކަތް މިހާރު ކުރަމުން މި ގެންދަނީ،" ވަޒީރު ވިދާޅުވިއެވެ.
"އެހެންވީމާ ތިޔަ ބޭފުޅުންނަށް ފެނިވަޑައިނުގަންނަވަނީ އަޅުގަނޑުމެން އާ މަޝްރޫއެއް އެހެން ތަނެއްގައި ފަށައިގެން ކުރިއަށް ގެންދާތަން،"
އެކަމަކު، މި އަހަރު ނިމުމުގެ ކުރިން މި ސަރުކާރުން ބޯހިޔާވަހިކަމުގެ ވަރަށް ބޮޑު މަޝްރޫއެއް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ފަދައިން ވިދާޅުވި ނަމަވެސް އެ މަޝްރޫއާ ގުޅޭ އެއްވެސް ތަފުސީލެއް ވަޒީރު ހިއްސާކުރައްވައިފައެއް ނުވެއެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85،000 ހައުސިން ޔުނިޓު ތަރައްގީކުރުން ކަމަށެވެ. އޭގެ ތެރެއިން 30،000 ހައުސިން ޔުނިޓު އަޅާނެ ކަމަށް ސަރުކާރުން މީގެ ކުރިން އިއުލާނުކޮށްފައިވަނީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލޭގައެވެ.