އިންޑިއާއާ ގުޅުން ބަދަހިކުރަން ކުރާ މަސައްކަތަށް ފާޑުކިޔާތީ ނަޝީދު ކަންބޮޑުވެވަޑައިގެންފި

ކުރީގެ ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަވަށްޓެރި އިންޑިއާއާއެކު ހީނަރުވެފައި އޮތް ގުޅުން ބަދަހިކޮށް ވަރުގަަދަކުރަން ސަރުކާރުން ކުރާ މަސައްކަތަށް ފާޑުކިޔާތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަޝީދުގެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފައިމިވަނީ އިންޑިއާގެ އެކްސްޓާނަަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގައި ހުންނެވި ދަނޑިވަޅެއްގައެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އެ ވާހަކަތައް ހިއްސާކުރައްވައި ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުން އިންޑިއާއާއެކު ގުޅުން ބަދަހިކުރުމުގެ ސިޔާސަތު އިސްކުރުމުން، ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް މަލާމަތްކުރުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވާން އެދޭ ބަޔަކު ނުކުރާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އަދި އެ ކަމަށް މަރުހަބާ ނުކިޔާ ފާޑުކިޔުންތައް އަމާޒުކުރުމުން ދޭހަވަނީ އިންޑިއާއާއި ރާއްޖެ ގުޅުމަށް ނޭދޭކަން ކަމަށާއި އެއީ ސިޔާސީ ގޮތުން 'ޕޮއިންޓު ހޯދުން' ކަމުގައި ވެސް ނަޝީދު ސިފަކުރެއްވިއެވެ. އަދި އެކަމުން ދޭހަވަނީ އުސޫލުގައި ނުހިފެހެއްޓޭކަން ކަމަށް ވެސް ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު އެމްޑީޕީގެ އެއްވުމުގައި ދެއްކެވި ވާހަކައިގައިވަނީ އިދިކޮޅުގައި މިހާރުގެ ސަރުކާރުގެ ބޭފުޅުން ތިއްބެވިއިރު ދެއްކެވި އެކި ވާހަކަތަކާއި ތުހުމަތުތައް ފާހަގަކުރައްވައި، މިއަދު އިންޑިއާއާ ގާތްކަން ބާއްވަން އުޅުމުން އެ ކަމަށް ފާޑު ވިދާޅުވެފައެވެ.

"އޭރު ވިދާޅުވަމުން ގެންދެވީ އިންޑިއާ އައުޓޭ. ނުވަ މަސް ވީއިރު މިހާރު އަންނަނީ ވެލްކަމް އިންޑިއާ،" އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވާން މެދުވެރިވި އެއް ސަބަބަކީ އެ ސަރުކާރުން އެ ގައުމާއެކު ގޮތް ނޭނގޭ އަސްކަރީ އެކި އެއްބަސްވުންތައް ހެދުންކަމަށް އެއިރު އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރުގެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

https://sun.mv/195308

މިއދު ޖައިޝަންކަރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޖައިޝަންކަރުގެ ދަތުރުފުޅާއެކު އިންޑިއާއާއެކު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް މައްޗަށް ގޮސް ދެ ގައުމުގެ ގުޅުން އިތުރުވާނެ ކަމަށެވެ.

އަދި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބޭނުމެއް ޖެހޭ ހިނދެއްގައި އެހީތެރިވުމަށް އެންމެ ކުރީ ސަފުގައި އޮންނަ ގައުމެއް ކަމަށެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވެއެވެ.

ހަމައެއާއެކު މި ސަރުކާރުގެ ފުރަތަމަކޮޅު ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ. ނަމަވެސް ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ގުޅުންތައް އަންނަނީ ރަނގަޅުވަމުންނެވެ.

comment ކޮމެންޓް