ވަޒީފާ އަދާކުރާ ބިދޭސީން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވެން އޮތުމުން އެމްޑީޕީގެ ކަންބޮޑުވުން

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އޭނާ ވިދާޅުވީ ވަޒީފާ އަދާކުރާ ބިދޭސީން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފައި ވަނީ، ވަޒީފާ އަދާކުރާ ބިދޭސީން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ)އިން މިއަދު ކަންބޮޑުން ފާޅުކޮށްފިއެވެ.

އެޕްޑީޕީގެ ޕީޖީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކުރިން ވަޒީފާއާ ބެހޭ ގާނޫނުގައި ރަނގަޅު ދިރާސާތަކެއްކޮށް އެއް ލައްކައަށް ވުރެ ގިނައިން އެއް ގައުމަކުން ބިދޭސީން ނުގެނެވޭނެ ކަމަށް ލިޔެވިފައި ވަނިކޮށް، އެއަށް ނުބަލާ އިތުރަށް ބިދޭސީން ގެނައުމަށް ސަރުކާރުން ހުޅުވާލިކަން ފާހަގަވެފައިވާ ކަމަށެވެ.

އެކަން ވަގުތީ ގޮތުން މަޑުޖައްސާލީ އެމްޑީޕީގެ ޕީޖީން ކަންބޮޑުވުން ފާޅުކުރުމުންކަން މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެފަހުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވެ، މުސާރަ ނުދީ ހިފަހައްޓާނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅީ ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮތީ ކޮން މިނިސްޓްރީ އެއްގައިކަން ނޭނގޭ ގޮތަށް އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް 'ބޯޅަ ޖެހުމަށް ފަހު' ކަމަށް މައުރޫފް ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިންތަކެއް: މައުރޫފް ވިދާޅުވީ ވަޒީފާ އަދާކުރާ ބިދޭސީން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިތުރަށް މައުރޫފް ވިދާޅުވީ، އެ އިސްލާހުގައި އޮތް އެންމެ ކަންބޮޑުވާ ކަމަކީ 'ހައްދެއް ނެތް މިންވަރަށް' ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމުގެ ބާރު މިނިސްޓަރަށް ދޭ ގޮތަށް ގާނޫނު ބަދަލު ކުރާތީ ކަމަށެވެ.

ވޯކް ޕާމިޓް ފީއާއި ކޯޓާ ފީއަށް މިނިސްޓަރު ބޭނުންވެއްޖެ ހަލާތެއްގައި ބަދަލު ގެނެވޭ ގޮތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާތީ، އެކަމުން ދޭހަވަނީ ބިދޭސީން ރާއްޖެއަށް ގެނައުމަކީ ދައުލަތަށް އާމްދަނީއެއް ހޯދުމަށް ކުރާ ކަމެއް ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ކޯޓާ ފީއަކީ 2000 ރުފިޔާއަށް ވުރެ ބޮޑުވެސް ކުރެވިދާނެ ނުވަތަ ކުޑަވެސް ކުރެވިދާނެ ގޮތަކަށް ގާނޫނަށް ބަދަލު މިގެންނަނީ. އަދި ހަމައެހެންމެ، ވޯކް ޕާމިޓް ފީ މީހާރު އޮތް 350 ރުފިޔާއަކީ މިނިސްޓަރަށް ފެނިލައްވައިފި ހިނދެއްގައި ބަދަލު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިފައި ވަނީ

މީގެއިތުރުން، ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާއާއި މަސްވެެރިކަން ފަދަ ދިވެހިން ޝައުގުވެރިކަން ހުންނަ ދާއިރާތަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކްންޓްރޯލް ނުކުރެވިދާނެތީ، އެކަމާ ކަންބޮޑުވާކަން މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ.

ބިދޭސީ މަސައްކަތްތެރިންތަކެއް: ވަޒީފާ އަދާކުރާ ބިދޭސީން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބިދޭސީންނަށް ވަޒީފާދިނުމަށް ފަހު އިހުމާލުވާ ފަރާތްތަކުން ޖޫރިމަނާ ކުރުމަކާ ދެކޮޅެއް ނޫން ކަމަށާއި ހަރުދަނާ ގޮތެއްގައި އެކަން ކުރުމަށް ފެންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެހެންނަމަވެސް، ވަޒީފާ އަދާކުރާ މުވައްޒަފަކު ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަދި، އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި މިނިސްޓްރީން ނުވަތަ މިނިސްޓަރަށް ހިފޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައި އޮތުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވެ، މުސާރަ ނުދީ ހިފަހައްޓާނަމަ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

https://sun.mv/194683

އެ ގޮތުން، މި އިސްލާހަކީ ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ގެނެވޭ އިސްލާހެކެވެ.

ބާޒާރު ސަރަހައްދުގައި ބިދޭސީ އަކު ދޮންކެޔޮގަނޑެއް ކޮނޑުޖަހާލައިގެން: މައުރޫފް ވިދާޅުވީ ވަޒީފާ އަދާކުރާ ބިދޭސީން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލާހު ހުށަހެޅިފައި އޮތުމަކީ ކަންބޮޑުވާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އިސްލާހުގައި ވަނީ، ވަކި ފިޔަވަޅެއް އެޅުމަށް ކަނޑަައެޅިގެން ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި އެ ނޫން ހާލަތްތަކުގައި، އިސްލާހުގައި ހިމަނާފައިވާ މާއްދާއަކާ ވަޒީފާދޭ ފަރާތަކުން ނުވަތަ ވަޒީފާ އަދާ ކުރާ ފަރާތަކުން ޚިލާފުވެއްޖެ ނަމަ އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ކަނޑައަޅައިފައެވެ.

މި ސަރުކާރުން ހޯމް މިނިސްޓްރީން މިހާރު އަންނަނީ ރާއްޖޭގައި އުޅޭ ބިދޭސީން ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ކުރަނގި އޮޕަރޭޝަންގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ހަމައެއާއެކު ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިމިގްރޭޝަނުން ގެންދަނީ އެފަދަ ބިދޭސީން ޑީޕޯޓްވެސް ކުރަމުންނެވެ.

comment ކޮމެންޓް