ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން އިސްލާހެއް

އަލިފާންގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންތަކެއް: ބިދޭސީން ގެނެވޭ އަދަދު ކަނޑައަޅަން ކެބިނެޓަށް ބާރު ލިބޭގޮތަށް އިސްލާހެއް ހުށަހަޅާފައި -- ސަން ފޮޓޯ: މުޙައްމަދު ހަމްޒާ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވެ، މުސާރަ ނުދީ ހިފަހައްޓާނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެ ގޮތުން، މި އިސްލާހަކީ ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކޮށް، ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ގެނެވޭ އިސްލާހެކެވެ.

އިސްލާހުގައިވަނީ، އިހުމާލުވާ މީހުންގެ މައުލޫމާތު އާންމު ކުރުމާއި އެ މީހުން 50،000 ރުފިޔާއިން ޖޫރިމަނާކުރުން ހިމަނާފައެވެ. އެއާ އެކު އިހުމާލުވާ ފަރާތްތަކުން ބިދޭސީން ގެނައުމުގެ ޚިދުމަތްތައް ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ބިދޭސީންނާ މެދު ވެވޭ އިހުމާލެއްގެ ގޮތުގައި ބަލާ ކަންކަމުގެ ތެރޭގައި ހިމަނާފައިވަނީ މުސާރަ ނުދިނުމާއި، ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުމެވެ. އަދި، ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެ މީހުން ލައްވާ ގާނޫނާ ޚިލާފު އަމަލުތައް ހިންގުމެވެ.

ހަމައެއާ އެކު އެއް ގައުމަކުން ބިދޭސީން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް މި އިސްލާހުގައިވެއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ 100،000 މަސައްކަތްތެރިންނެވެ.

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތުގައި ބިދޭސީންތަކެއް: ބިދޭސީން ގެނެވޭ އަދަދު ކަނޑައަޅަން ކެބިނެޓަށް ބާރު ލިބޭގޮތަށް އިސްލާހެއް ހުށަހަޅާފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިސްލާހުގައިވަނީ، ވަޒީފާ އަދާކުރުމަށްޓަކައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކުގެ އިތުރުން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދު ކަނޑައަޅާނީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ.

އަދި، އެ އަދަދުތައް ކަނޑައަޅަން ވާނީ ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ވެސް އިސްލާހުގައިވެއެވެ.

މި އެސެސްމަންޓުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރު ކަނޑައަޅަން ވަނީ ހިމަނާފައެވެ. އަދި، ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާ، ގަވައިފާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މިންވަރު އެ އެސެސްމަންޓުގައި ދެނެގަތުމަށް ވަނީ ހިމަނާފައެވެ.

އެސެސްމަންޓަށް ފަހު ވަޒީރުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން:

  • ގައުމުގެ އިގުތިސާދީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކަށް އެކަށީގެންވާ އަދަދަކަށް، ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން.
  • ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު.
  • ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް ފަރާތެއް ނުލިބިއްޖެނަމަ ނުވަތަ ލިބޭ މިންވަރު މަދުވެއްޖެނަމަ އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު.
  • ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާޚިލީ އަދި ގައުމީ ސަލާމަތަށް އަސަރުކޮށްފާނެ މިންވަރު.
  • ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ރިއާޔަތްކުރުން.

ހަމައެއާ އެކު ކަނޑައަޅާ އަދަދަށް ވުރެ އިތުރަށް ބިދޭސީން އުޅޭނަމަ އެ އަދަދަށް ހިފެހެއްޓުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކަން ކޮށް ނިންމަން ޖެހޭ މުއްދަތު ވެސް ގަވާއިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ނަމަވެސް، އެ މުއްދަތު ކަނޑައަޅަން ވާނީ އެކަށީގެންވާ ނޯޓިސް މުއްދަތެއް ދިނުމަށް ފަހުގައި ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި، އެ މުއްދަތު 36 މަސް ދުވަހަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

comment ކޮމެންޓް